Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

އައްޑޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މެދުތެރޭ ފެެށޭނެ: އެފްކޯންސް

އެފްކޯންސްގެ ޓީމު އައްޑޫ މަސައްކަތު ސައިޓުގައި، ފޮޓޯ: އެފްކޯންސް

އައްޑޫ މަގު ހެދުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ މެދުތެރޭގައި ފެށޭނެކަމަށް އެފްކޯންސް އިންފްރާސްޓަރަކްޗާރ ލިމިޓެޑުން ބުނެފިއެވެ.

އައްޑޫ މަގުގެ ޕްރޮޖެކްޓުގެ އެންމެ ފަހުގެ މައުލޫމާތު "އައްޑޫލައިވް" އާއި ހިއްސާ ކުރަމުން އެފްކޯންސް ކުންފުނީގެ ފަރާތުން މިވަގުތު ޕްރޮޖެކްޓުގެ އިސް މީހެއްގެ ގޮތުގައި އައްޑޫގައި މަސައްކަތް ކުރަމުންދާ މަނޯޖް ޝަރުމާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ 106 ކިލޯ މީޓަރު މަގުގެ ސާވޭގެ 65 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ހިތަދޫގައި ހަދާ މަގުގެ 95 ޕަސެންޓު ސާވޭ މަސައްކަތް ނިމި މިހާރު ސާވޭގެ މަސައްކަތް ކުރިއަށްދަނީ މަރަދޫ އަދި މަރަދޫފޭދޫގައި ކަމަށެވެ. އަދި މި ހަފްތާ ތެރޭ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސާވޭ ނިމި މި މަހުގެ 17 ވަނަ ދުވަހު ހުޅުމީދޫގެ މަގުގެ ސާވޭ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އައްޑޫގެ މަގުގެ ތަފްސީލް

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށް ހަވާލުވެފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަކްޗަރ ލިމިޓެޑާއިއެވެ. އެކުންފުންޏަކީ އިންޑިއާގެ އިތުބާރު ހިފޭ 150 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާ ހުރި ކުންފުންޏެކެވެ. މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 730 ދުވަހެވެ.

މަގު ހެދުމުގެ މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫއުގެ ތެރޭގައި އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާއިރު، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

މަޝްރޫއު ނިމިގެންދާއިރު ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރެވޭނެއެވެ. މިއީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއްް މަޝްރޫއުއަށް ވެގެންދާނެ އެވެ. މި މަޝްރޫއަށް 1.1 ބިލިއަން ރުފިޔާ ހަރަދުވެއެވެ.

މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު

އައްޑޫގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން މަގު ހެދުމުގެ ސާވޭގެ މަސައްކަތް ކުރިއަށްދާ އިރު ހިތަދޫގައި ހެދުމަށް ހަމަޖެހިފައިވާ 51.5 ކިލޯ މީޓަރ މަގު ތެރެއިން 4.5 ކިލޯ މިޓަރ މަގުގެ ސާވޭގެ މަސައްކަތް ވަނީ ނިމިފައެވެ. ބާކީ 2 ކިލޯ މީޓަރ މަގުގެ ސާވޭގެ މަސައްކަތް ކުރުމަށް މަޑުޖައްސާފައިވަނީ އެ މަގުތައް ޕްލޭނިން މިނިސްޓްރީ އާއި ކައުންސިލުން ފައިނަލް ކުރުމަށް ފަހު އެފްކޯންސް އަށް އަންގަންދެންއެވެ.

މަޝްރޫއުގެ ސާވޭގެ މަސައްކަތުގެ 65 ޕަސެންޓު ނިމިފައިވާ އިރު މަގު ހަދަން އަންނަ ލޭބަރުން ތިބުމަށް ހިތަދޫގައި ކުރިން ޕޮލިސް ޓްރޭނިން ހިންގި އިމާރާތް ހުރި ބިމުގައި އެކޮމޮޑޭޝަން ހެދުމަށް ބިން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެކޮމޮޑޭޝަން އިމާރާތްތައް ވަނީ އައްޑޫއަށް ގެނައުމަށް އިންޑިއާގެ ޓުޓިކޮރިންއަށް ގެންދެވިފައެވެ. އަދި އެތަކެތި ގެންނަ ބޯޓު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އައްޑޫއަށް އައުމަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ހެވީ ވެހިކަލްތައް ޖުލައި މަހު އައްޑޫއަށް ގެނެވޭނެކަމަށް އެފްކޯންސްއިން މައުލޫމާތުދެއެވެ. މަގު ހެދުމުގެ މަސަކަތް ކުރުމަށް ގެންނަ މެޝިނަރީޒް ބެހެއްޓުމަށް ސަރަހައްދީ ބަނަދަރާއި ކައިރިން ހިއްކާފައިވާ ބިމުން އެފްކޯންސްއަށް ބިމެއްދީފައިވާ އިރު އެބިން ސާފުކޮށް ތަން ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އައްޑޫ ސިޓީ ކައުންސިލަރުން އެފްކޯންސް ސައިޓަށް ކުރި ޒިޔާރަތުގެ ތެރެއިން

މަގު ހެދުމުގެ މަސައްކަތް ކުރުމަށް އަންނަ ލޭބަރުން ޖުލައި މަހު އައްޑޫއަށް އައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އަމަލީ މަސައްކަތް ފެށުމަށް ކުންފުނިން ތައްޔާރުވަމުން އަންނަނީ ޖުލައި މެދުތެރެއަށެވެ. އަދި އެއްބަސްވެފައިވާ ގޮތަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން ކުންފުނިންދެއެވެ.