ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާން ހާޒިރު ކުރަން ނިންމައިފިއެވެ.
ޕާލިމެންޓަރީ އިންކުއަރީއަސް ޖަވާބުދާރީ ވުމަށް ޝަމާލް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު 01:00 ގައެވެ.
ސިފައިންގެ އޮފިސަރުންގެ ތެރެއިން ހާޒިރުވުމަށް މިހާތަނަށް އަންގާފައިވަނީ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަށެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި އެކި ރޭންކް ތަކުގެ 40 ވަރަކަށް ސިފައިންވެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.
މި އިންކުއަރީގައި އިއްޔަ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
ޕާލިމެންޓަރީ އިންކުއަރީއާ ގުޅޭ ބައެއް ކަންކަމުގައި އިދާރާތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެގޮތުން އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެކަމަށާއި، ޖަވާބުދާރީ ވާނީ މުޅި ސިފައިންގެ ހިދުމަތުގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށް އަމާޒުވެފައެވެ. އަދި ރައީސް ނަޝީދުވެސް ވެސް ވަނީ އެމަނިކުފާނުގެ ރައްކަލަށް މަސައްކަތްކުރި ހަށިފާރަވެރިންގެ ބަސް ވަކިން ނީއްވޭނެ ކަމަށް ބުނުމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެންނަމަވެސް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ކޮމިޓީއަށް ވަކިވަކި ފުލުހުން ހާޒިރުވެ ޖަވާބުދާރީ ވާނެކަން ހާމަކޮށްފައެވެ.