Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ ވޯޓު މާދަމާ ރޭ

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް ނަގާ ވޯޓު މާދަމާ ރޭ ކުރިއަށް ދާނެއެވެ.

މި އިންތިހާބުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވައެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ދެން ވާދަކުރައްވަނީ އަފްޣާނިސްތާންގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމައި ރަސައުލެވެ.

"އަ ޕްރެޒިޑެންސީ ފޯ ހޯޕް" މި ޝިއާރުގެ ދަށުން މިނިސްޓަރު ޝާހިދު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު މިވަގުތު ޝާހިދު ހުންނެވީ ނިއުޔޯކްގައެވެ. މިނިސްޓަރު ޝާހިދު އިއްޔެ ވަނީ ޤައުމުތަކުން ކުރިމަތި ކުރުވި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަށް ކެމްޕެއިންނަށް ދައުލަތުގެ ބަޖެޓުގައި 4،354،772 ރުފިޔާ ކަނޑައަޅާފައިވެއެވެ.

މިއީ ރާއްޖޭގެ ފަރާތުން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތާ ފުރަތަމަ ފަހަރެވެ. އަދި ވޯޓުގައި ރާއްޖެއަށް ބޭރުގެ ބޮޑެތި ޤައުމުތަކުގެ ތާއީދުވެސް ވަނީ ލިބިފައެވެ. ހާއްސަކޮށް އަވަށްޓެރި އިންޑިއާއިން އަންނަނީ މިނިސްޓަރު ޝާހިދު އާންމު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.