Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

އަނދުން ހުސައިންގެ ބަދަލުގައި އިންތި 241 ކޮމިޓީއަށް

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

ޕާލިމެންޓަރީ އިންކުއަރީއެއް ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އަނެއްކާވެސް ބަދަލެއް ގެނެސްފިއެވެ.

241 އަށް އެމްޑީޕީން ގެނެސްފައިވާ ބަދަލަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކޮމިޓީގައި ހިމެނެއްވުމެވެ.

އިންތި އަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން ކުރިއަށް ގެންދާ ޕާލިމެންޓަރީ އިންކުއަރީ ފެށުމަށް ހަމަޖެހިފައިވަނިކޮށްވެސް ކޮމިޓީއަށް އެމްޑީޕީން ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ކޮމިޓީގައި ހިމަނާފައެވެ.

މިވަގުތު 241 ކޮމިޓީގައި ތިއްބަވަނީ، މުހައްމަދު އަސްލަމް – ހިތަދޫ އުތުރު ދާއިރާ، ހަސަން ލަތީފް – ހެންވޭރު ހުޅަނގު ދާއިރާ، އަލީ ނިޔާޒް – ހުޅުމާލެ ދާއިރާ، އިމްތިޔާޒް ފަހުމީ – މާފަންނު އުތުރު ދާއިރާ، އީވާ އަބްދުﷲ – ގަލޮޅު އުތުރު ދާއިރާ، އަބްދުލްޣަފޫރު މޫސާ – ހަނިމާދޫ ދާއިރާ، އިލްޔާސް ލަބީބް – ހުޅުދޫ ދާއިރާ، ހިސާން ހުސެއިން – ތުޅާދޫ ދާއިރާ، އާދަމް ޝަރީފް – މަޑުއްވަރީ ދާއިރާ، މުހައްމަދު ޣައްސާން މައުމޫން – ގުރައިދޫ ދާއިރާ، އަބްދުﷲ ރިޔާޒް – ތިމަރަފުށި ދާއިރާ، އަހުމަދު ސިޔާމް މުހައްމަދު – މީދޫ ދާއިރާ އަދި ސައުދު ހުސެއިން – ވިލިނގިލި ދާއިރާ އެވެ،

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް 241 ކޮމިޓީން އިންކުއަރީ ކުރިއަށް ގެންދާއިރު، އިއްޔެ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އަދި މިއަދު މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ހާޒިރު ކުރާގޮތށް އޮތީ ހަމަޖެހިފައެވެ.