Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ޝަމާލް ހާޒިރު ކޮށްފި

މޭޖަރ ޖެނެރަލް އަބްދުالله ޝަމާލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް މަޖިލީހަށް ހާޒިރު ކުރިއިރު، މިއަދު ވަނީ މާލެސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިންކުއަރީއަށް 241 ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި އެކި ރޭންކް ތަކުގެ 40 ވަރަކަށް ސިފައިންވެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

މި އިންކުއަރީގައި އިއްޔަ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

ޕާލިމެންޓަރީ އިންކުއަރީއާ ގުޅޭ ބައެއް ކަންކަމުގައި އިދާރާތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އެގޮތުން އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެކަމަށާއި، ޖަވާބުދާރީ ވާނީ މުޅި ސިފައިންގެ ހިދުމަތުގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށް އަމާޒުވެފައެވެ. އަދި ރައީސް ނަޝީދުވެސް ވެސް ވަނީ އެމަނިކުފާނުގެ ރައްކަލަށް މަސައްކަތްކުރި ހަށިފާރަވެރިންގެ ބަސް ވަކިން ނީއްވޭނެ ކަމަށް ބުނުމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.