ކޮންސިއުލޭޓަކީ ޓްރޭޑް ސެންޓަރެއް ނޫންކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނި އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް އެގައުމުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެކަމާއި ދެކޮޅަށް މިވަގުތު އަންނަނީ ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ.
ފައިރޫޝް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ކޮންސިއުލޭޓަކީ ޓްރޭޑު ސެންޓަރެއް ނޫންކަމަށާއި، އެއީ ކޮންސިއުލަރ އެހީދޭ މަރުކަޒެއް ކަމަށެވެ.
އަދި ޤައުމީ ތަރައްޤީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށާއި ތައުލީމާއި އިޖުތިމާއީ ހިދުމަތްތަކާއި ބޭސްފަރުވާގެ ހިދުމަތް މަތިކުރުން ކަމަށް ޓްވީޓްގައިވެއެވެ.
"ދެޤައުމެއްގެ ދެ މިސްރާބެވެ. ގުޅެނީ ޤައުމީ މަސްލަތާއެވެ" ފައިރޫޝްގެ ޓްވީޓްގައިވެއެވެ.
ކޮންސިއުލޭޓަކީ. ޓްރޭޑު ސެންޓަރެއް ނޫނެވެ؛ ކޮންސިއުލަރ އެހީދޭ މަރުކަޒެކެވެ.
ޤައުމީ ތަރައްޤީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. ތައުލީމާއި އިޖުތިމާއީ ޚިދުމަތްތަކާއި ބޭސްފަރުވާގެ ޚިދުމަތް މަތިކޮށްގެންނެވެ.
ދެޤައުމެއްގެ ދެ މިސްރާބެވެ. ގުޅެނީ ޤައުމީ މަސްލަތާއެވެ
— Fairoosh (@fairoosh) June 7, 2021
ކޮންސިއުލޭޓަކީ ޓްރޭޑް ސެންޓަރެއް ނޫންކަމަށް ވިދާޅުވެ ފައިރޫޝް ޓްވީޓް ކުރައްވާފައިވާއިރު، އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އައްޑުގެ ތަރައްޤީއަށް ކޮންސިއުލޭޓް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނި އައްޑޫއާއި ރާއްޖޭގެ ކުރިއެރުމަށްވެސް ކޮންސިއުލޭޓް މުހިންމު ކަމަށް ވިދާޅުވެފައެވެ.
އައްޑޫގައި ކޮންސިއުލޭޓް ޤާއިމު ކުރުމާއި ދެކޮޅަށް އަންނަނީ "ސޭވް އައްޑޫ"ގެ ނަމުގައި ހަރަކާތެއްވެސް ހިންގަމުންނެވެ.