ރޭ އިރާކޮޅު ހިނގި އަލިފާންގެ ހަދިސާއެއްގައި ހިތަދޫ އުމުރުން ދުވަސްވީ މީހަކު ވަރަށް ބޮޑަށް ފިހިގެން އިތުރު ފަރުވާ އަށް މާލެ ފޮނުވައިފި އެވެ.
އޭނާ މާލެ ފޮނުވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެވެ.
ފުލުހުން ބުނީ އަލިފާންގެ ހާދިސާގައި ފިހިފައި ވަނީ، ހިތަދޫ، ޕާމްޝޭޑް، ހުސެއިން ކަލޯ، 84، ކަމަށެވެ.
އޭނާގެ ގައިގައި ރޯވެފައި ވަނީ އެގޭ ބަދިގެ ތެރޭގައި ހުރި ގޭސް އުނދުން ރަނގަޅަށް ނުނިއްވާ ގޭސް ލީކު ވެފައި ހުއްޓާ ހުސައިން ކަލޯ ކަރަންޓް ޖަގުން ފެން ހޫނު ކުރަން އުޅެނިކޮށެވެ.
ފުލުހުން ބުނީ އަލިފާން ރޯވާން ދިމާވީ ކަރަންޓް ދީފައި ހުރި ސޮކެޓަށް ޖަގުގެ ވާގަޑު ގުޅަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާގައި ހުސެން ކަލޯގެ ހަށިގަނޑުގެ 65 ޕަސެންޓް ވަނީ ފިހިފަ އެވެ.