Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

ޒަމީލް މައްސަލަ ފުލުހަށް ހުށަހަޅަން ޕީޖީ ލަފާ ދީފި

ޑިފެންސް މިނިސްޓަރުގެ ނާއިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަަލް (ޕީޖީ)ގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުން އެދިފައިވާ މައްސަލައިގައި އެކަން ފުރަތަމަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ޕީޖީން ލަފާ ދީފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބުނާގޮތަށް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފުރަތަމަ ހުށަހެޅުމަށް އެދިކަމަށެވެ.

ޕީޖީގެ އޮފިޝަލް ވިދާޅުވީ އިމްތިޔާޒް ޤާނޫނުގައި ވެސް އޮންނަނީ މައްސަލައެއް ފުރަތަމަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވުމަށް ކަމަށާއި، އަދި ޕީޖީއަށް އިމްތިޔާޒްގެ މައްސަލައިގައިވެސް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާނީ ފުލުހުން ކަމަށެވެ.

އަދި ތަހުގީގީ އިދާރާއަށް މައްސަަލަ ހުށަހަޅައިގެން ތަހުގީގުކުރާ ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ އެކަންވެސް ޕީޖީއަށް އެންގުމަށް ލަފާދީފައިވާނޭކަމަސް ޕީޖީގެ އޮފިޝަލް ވިދާޅުވިއެވެ.

ޒަމީލްގެ މައްސަލަ އެންމެ ފުރަތަމަ މަޖިލީހުން ޕީޖީ އަށް ފޮނުވާފައިވަނީ އިމްތިޔާޒް ކޮމިޓީން ފާސްނުކޮށެވެ. އަދި އެ މައްސަލައިގައި ރޭ ބޭއްވި އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލާފައެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީގެ އެތެރޭގެ ނުތަނަވަސްކަން އިތުރުވެ އެކި މެމްބަރުންނަށް އަންނަނީ ތުހުމަތުތައް ކުރަމުންނެވެ.

ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް މަޖިލީހުން ޕީޖީގައި އެދިފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

އެގޮތުން ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލު ކަމަށްވާއިރު، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނުނޫގެ ދަށުންނެވެ.