ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވަނީ އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި އިންކުއަރީއަށް ހުރަސް އަޅަން މަސައްކަތް ނުކުރާކަމަށެވެ.
އަދި ސީދާ ރައީސް ސޯލިހު ވެސް އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދަން އެދިވަޑައިގެންފައިވާކަމަށާއި، ސަރުކާރުގެ އެއްވެސް އިދާރާއަކުން މި މަސައްކަތަށް ހުރަސް އަޅަން މަސައްކަތެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނެތްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ހުރިހާ ފަރާތްތަކަކުންވެސް ބޭނުންވާނީ މި އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށްކަމަށް ދެކޭކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެއްބާރުލުން ނުދޭނަމަ އެކަން މީޑިއާއަށް ހާމަކުރާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.