Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

އެއްވެސް މުއައްސަސާއަކުން އިންކުއަރިއަށް ހުރަސް ނާޅާ: އަސްލަމް

މެމްބަރު މުހައްމަދު އަސްލަމް--

ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ޕާލިމެންޓަރީ އިންކުއަރީއަށް ހުރަސް އަޅާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ކޮމިޓީން މުއާމަލާތްކުރަމުންދާ ސަރުކާރުގެ ހުރިހާ އިދާރާތުންވެސް އެއްބާރުލުން ލިބެމުންދާކަމަށެވެ.

އެގޮތުން އިންކުއަރީއަށް ފުލުހުންގެ އިސް ބޭބޭފުޅުންނާއި އިތުރު ފުލުހުންވެސް ހާޒިރުވި ކަމަށާއި، އަދި އެމްއެންޑީއެފްގެ ޗީފް އާއި ވައިސް ޗީފް ވެސް ވަޑައިގެންނެވި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިންކުއަރީއަށް އެއްބާރުލުން ދެމުން ގެންދާނެކަމަށް ދެ އިދާރާއިން ވެސް ބުނެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އަދި އެއްވެސް އިދާރާއަކުން އިންކުއަރީއަށް ހާޒިރުނުވުމުގެ މައްސަލައެއް ދިމާނުވާކަމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިން އަދި އެހެންވެސް އިދާރާތަކުގެ މިހާރުވެސް އިންކުއަރީއަށް ހާޒިރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ޗީފް އާއި ވައިސް ޗީފް ވެސް އިއްޔަ އިންކުއަރީއަށް ހާޒިރުވި ކަމަށާއި، އަދި މިއަދުވެސް ސިފައިންގެ އިސް ދެ ބޭފުޅަކު އިންކުއަރީއަށް ހާޒިރު ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އިންކުއަރީ ކުރިއަށްދާ ވަރަކުން އިތުރު ފަރާތްތައް ހާޒިރުކުރަންޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށާއި، އެގޮތުން ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު ހާޒިރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. އިންކުއަރީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބެންވާނެކަމަށާއި އެ މައުލޫމާތު ހޯދަން އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތަކުން ވެސް މަޖިލީހަށް ޖަވާބުދާރިނުވުމުގެ ޖާގައެއް އޮތް ކަމަށް ގަބޫލެއް ނުކުރައްވާކަމަށް ވިދާޅުވިއެވެ.