ފައިނޭންސިންގ ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި ބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ 5 ގުނަ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ފައިނޭންސިންގ އަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
"މިއަދުގެ މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި." ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
އޮންލައިން ކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މިގޮތުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް އެދި ހުށަހެޅޭނެއެވެ.