Last Updated: June 30, 14:08
Tuesday, June 30, 2026
ސިޔާސީ

އިބްރާހިމްދީ މަޖިލީހަށް ކުރިމަތިލައްވަނީ!

ކުރީގެ ބްރިގޭޑިއަ ޖެނެރަލް (ރިޓަޔަޑް) އިބްރާހީމް ދީދީ ރައްޔިތުންގެ މަޖިލިސްގެ ހިތަދޫގެ ގޮނޑިއަކަށް ކުރިމަތިލައްވާ ކަމުގެ ވާހަކަ ތަކެއް ދެކެވެން ފަށައިފި އެވެ.

ނަމަވެސް އިބްރާހިމް ދީދީ ނިކުންނަވަނީ ކޮން ދާއިރާއަކުން ކަމެއް އަދި ރަސްމީކޮށް އިއްލާނެއް ނުކުރައްވައެވެ.

އިބްރާހިމްދީ ވަނީ މި މަހުގެ 21 ވަނަ ދުވަހު އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލިސް ތެރެއިން ފެނިދާނެކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

އެގޮތުން އެމްޑީޕީ އާ ގުޅިގެން ސަލާމަތާ ބެހޭ ކަންކަމަށް ޚިދުމަތް ކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށާއި މަޖިލީހުގެ ތެރެއިން އެ ޚިދުމަތްކޮށް ދެވިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ވަނީ ވިދާޅުވެފަ އެވެ.

އިބްރާހިމް ދީދީ މަޖިލިސް އަށް ނުކުންނަވަނީ ހިތަދޫ މެދު ދާއިރާއިން ކަމަށްވެސް ބައެއް ފަރާތަކުން ދަނި ބުނެމުންނެވެ.

އެހެން ވެއްޖެ ނަމަ އެ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް މިހާރު އެ ގޮނޑި ފުރުއްވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާ ޕްރައިމެރީގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި އިރު، އިބްރާހިމްދީ ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.

އަދި އޭގެ ކުރިން ސަދަން އޭރިއާގެ ކޮމާންޑަރުކަން ވެސް ނަޝިދު ސަރުކާރުގައި އިބްރާހިމް ދީދީ ވަނީ ފުރުއްވާފަ އެވެ.

އެ މަނިކުފާން ސިފައިންގެ ޚިދުމަތުން ރިޓަޔާކުރެއްވީ 32 އަހަރު އަސްކަރިއްޔާގައި ހޭދަ ކުރެއްވުމަށް ފަހު އެވެ.