Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ހިސާން ދަންޖައްސަން ޖެހޭ ކަމަށް ބުނި މައްސަލަ ފުލުހަށާއި ޑިފެންސަށް ހުށަހަޅައިފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ބުނި މައްސަލަ ޑިފެންސް މިނިސްޓްރީއަށާއި ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި މައްސަލަ ހިސާން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

އަފީފް ވިދާޅުވީ މިކަން ހިިނގާފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތު ސިޔާމް ވަރަށް ހުތުރުކޮށް ހިސާނަށް މުހާތަބު ކޮށް ވާހަކަ ދެއްކުމަށްފަހު، މަޖިލީހުގެ އިތުރު މެމްބަރުން ތިބި ތަނެއްގައި ކަމަށާއި، އެގޮތުން ހިސާން ދަންޖައްސާ މަރާލިޔަސް ފާފަވެރިނުވާނެ ކަމަށް ސިޔާމް ބުނެފައިވާކަމަށެވެ.

އަދި މި ކަމަކީ މަޖިލީހުގެ މެމްބަރެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫންކަމަށާއި، އެހެންކަމުން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ޑިފެންސް މިނިސްޓްރީއަށާއި ފުލުހަށް ހުށަހަޅާފައިވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.