Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ޓެރަރިޒަމްގެ އަމަލުތަކަށް އެހީވާ ބިދޭސީން އެބަތިބި: އަލީ އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމްގެ އަމަލުތަކަށް އެހީވާ ބިދޭސީން ރާއްޖޭގައި ތިބި ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރަށް ވަކި ގެޔެއް ހަމަޖެއްސުމުގެ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ޓެރަރިޒަމްގެ ވާހަކަ ދައްކާއިރު އެއަށްވުރެއް ބިރުވެރިކަމެއްވެސް މިއަދު ރާއްޖޭގައި އެބައޮތްކަމަށެވެ. އެގޮތުން ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އެކިގޮތްގޮތުން އެހީތެރިވާ އެތައް ބިދޭސީން މިއަދު ރާއްޖޭގައި ތިބިކަމަށެވެ.

އެފަރާތްތަކާ ދޭތެރޭ މިހާރުން ފެށިގެން ރަނގަޅު ފިޔަވަޅެއް ނޭޅިއްޖެނަމަ، މާނުބައިކަމެއް ރާއްޖޭގައި ކުރިމަތިވެދާނެ ކަމަށެވެ.

"ބިދޭސީން ނިކުމެ އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުންނާއި ކުރިމަތިލާކަށް މާގިނަ ދުވަސްތަކެއް އޮތްކަމަށް އަޅުގަނޑު ނުދެކެން." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ތިލަފުއްޓަކީ ބިދޭސީންގެ ކިއްލާއެއް ކަމަށާއި އެތަނުގައި ވެރިކަން ކުރަނީ ބިދޭސީން ކަމަށެވެ.

ބިދޭސީން ތިލަފުށީގައި ގޭންގް ހަދާ އެތަނުގައި ނޭދެވޭ ހުރިހާ ކަމެއް ކުރަމުން އަންނަކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ. އަދި ތިލަފުށީގެ ހާލަތަށް ހައްލެއް ގެނައުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރާތަން ނުފެންނަކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.