Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

އިންކުއަރީއަށް އޭސީޕީ ރިޔާޒް ހާޒިރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހާޒިރުވެއްޖެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީއަށް ފުލުހުންނާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް އަންނަނީ ހާޒިރުވަމުންނެެވެ.

އެގޮތުން މިހާތަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ.

މީގެ އިތުރުން މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް އިންކުއަރީއަށް ވަނީ ހާޒިރުވެފައެވެ.

އިންކުއަރީއާ ގުޅޭގޮތުން 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީ ކުރިއަށްދަނީ ރަނގަޅަށް ކަމަށާއި، ހުރިހާ ފަރާތްތަކެއްވެސް އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މިމަހުގެ ފަހު ހަފްތާއަށް އިންކުއަރީ ނިންމާލާ ރިޕޯޓް ތައްޔާރުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އަސްލަމް ވިދާޅުވިއެވެ.