Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

މިސްބާހާ ގުޅޭގޮތުން ހާމަކުރީ ތެދު މައުލޫމާތު: ފުލުހުން

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ރަހުނުކޮށްފައި ހުރިކަމަށް ފުލުހުން ބުނާ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހް މުހައްމަދާ ގުޅޭގޮތުން ހާމަކޮށްފައިވަނީ ތެދު މައުލޫމާތުކަމަށް ފުލުހުން ބުނެފިއެވެ.

މިސްބާހް ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާނު ކޮށްފައިވާއިރު، ފުލުހުން މި ފަހުން ބުނެފައިވަނި އޭނާ ހުރީ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ރަހުނު ކޮށްފައިކަމަށެވެ.

އެހެންނަމަވެސް އިއްޔަ އާންމުވެފައިވާ އޭނާގެ ވީޑިއޯ އެއްގައި މިސްބާހު ބުނެފައިވަނީ އޭނާއާ ޑްރަގް ނެޓްވޯކަކާ ގުޅުމެއް ނެތްކަމަށެވެ. އަދި އޭނާއާ ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވަނީ ދޮގުވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ސ. ހުޅުދޫ ދޭލިޔާ, އިރުފާނާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މިސްބާހު ދުބާއީ މަގުން ޕާކިސްތާނަށް ދަތުރުކޮށްފައި ވެއެވެ. ނަމަވެސް ނޮވެމްބަރު 22 ގައި އިރުފާން އެނބުރި ރާއްޖެއައިކަމަށާއި، އެހެންނަމަވެސް މިސްބާހު އައިސްފައި ނުވާކަމަށެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު ދޯންޏެއްގައި ކަނޑުމަގުން ރާއްޖެއާށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އިރުފާންވަނީ ހައްޔަރުކޮށްފައެވެ.