މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މައިދާނުން އެކަހެރި ކުރުމަށް ވަކި ފެކްޝަނަކުން ކުރަމުން އަންނަ މަސައްކަތް ފެއިލް ކުރަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަދަ ބާރުން އަނިޔާވެރިކޮށް ރައީސް ނަޝީދު ސިޔާސީ މައިދާނުން އެކަހެރި ކުރުމަށް ފެކްޝަނަކުން ކުރާ މަސައްކަތް އެމްޑީޕީގެ އާންމު މެމްބަރުން ފެއިލްކޮށް އެކަން ނުވާނެކަން ސާބިތުކޮށްދޭން ޖެހޭކަމަށެވެ.
އަދި ވަޒީފާގެ ބިރަށް ހައްޤުބަސް ނުބުނެ ނުތިއްބުމަށާއި ލިބިދާނެ ޕްރޮޖެކްޓަކަށް ނަފްސު ވިއްކާ ނުލުމަށްވެސް މަލީހްގެ ޓްވީޓްގައި ގޮވާލައިފައިވެއެވެ.
ގަދަ ބާރުން އަނިޔާވެރިކޮށް ރައީސް ނަޝީދު ސިޔާސީ މައިދާނުން އެކަހެރި ކުރުމަށް ފެކްޝަނަކުން ކުރާ މަސައްކަތް އެމްޑީޕީގެ އާންމު މެމްބަރުން ފެއިލްކޮށް އެކަން ނުވާނެކަން ސާބިތުކޮށްދޭން ޖެހޭ. ވަޒީފާގެ ބިރަށް ހައްޤުބަސް ނުބުނެ ނުތިއްބަވާ. ލިބިދާނެ ޕްރޮޖެކްޓަކަށް ނަފްސު ވިއްކާ ނުލައްވާ.
— Mohamed Maleeh Jamal (@maleehjamal) June 8, 2021
އެމްޑީޕީގެ އެތެރޭގެ މަޝްރަހު ހޫނުވެފައިވަނީ ރައިސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއާ ގުޅޭގޮތުން ޑިފެންސް ގެ ޑެޕިއުޓީ ޒަމީލު ފޮނުވި ސިޓީއަކާ ގުޅިގެން އޭނާގެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ނަޝީދު ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލި ހިސާބުންނެވެ. މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަމަށް ބުނެ ޒަމީލު ފޮނުވި ސިޓީއާ ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާއިރު ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި އެކަން އެގޮތަށް ކުރުމަށް ބާރުއަޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.