"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މުޖުތަމައުގައި ނަފްރަތު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިފަދައިން ބުނެފައިވަނީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން އަދާލަތު ޕާޓީން ތައްޔާރުކޮށްފައިވާ ކަރުދާހެއްގައެވެ.
އެގޮތުން އޭގައި އަދާލަތު ޕާޓީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ހުށަހެޅުނު އިސްލާހުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، އިސްލާހަކީ، ނަފްރަތުގެ ޢަމަލު ހިންގުމުގެ ކުށް ބަޔާން ކޮށް، އެ ކުށުގެ އަދަބު ކަނޑައަޅާ އިޞްލާހެއްކަމަށް ބުނާ ހިނދު، ބައިނަލް އަޤްވާމީގޮތުން ބަލައިގަނެވޭ މިންވަރަށް އިޞްލާޙުގައި ނަފްރަތުގެ ޢަމަލު ތަޢުރީފު ކޮށްފައި ނުވާކަމަށް އަދާލަތުގެ ކަރުދާހުގައިވެއެވެ. އަދި ވަކިން ޚާއްސަކޮށް، މައިގަނޑު ގޮތެއްގައި ކުށުގެ ޢަމަލު ގުޅުވާފައިވާ، ނަފްރަތުގެ ބަސްމަގުގެ ކުށްތައް އ.ދ ފަދަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން ބަލައިގެންފައިވާ ހަމަތަކަށް ނުފެެތޭ ކަމަށާއި، ނަފްރަތުގެ ޢަމަލު ދިވެހިރާއްޖޭގެ ޤާނޫނުގައި ތަޠްބީޤްކުރާނަމަ އެކުށުގެ ދާއިރާގެ ތެރޭގައި ގިންތިކުރަންޖެހޭ ގިނަ ކުށްތަކައް، މި އިސްލާހުން ފަރުވާ ނުލިބޭކަމަށްވެސް ބުނެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ހަމަތަކުން ހޭޓް ކްރައިމް ހުއްޓުވުމަށް ކުރާ މަސައްކަތަށް ވެސް ނުފެތޭކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކުން ލާޒިމް ކުރާ މިންވަރުވެސް ހާސިލު ނުވާކަމަށެވެ.
އަދާލަތުގެ ކަރުދާހުގައި ބުނެފައިވަނީ އިސްލާހުގައި ނަފްރަތުގެ ބަސްމަގުގެ ކުށްތަކެއް ބަޔާންކޮށްފައިވާ އިރު، މީގެތެރެއިން ދެ ކުށް ބަޔާންކޮށްފައިވަނީ ނަފްރަތުގެ ބަސްމަގުގެ ކުށް ކަނޑައެޅުމުގައި ބައިނަލްއަޤްވާމީގޮތުން ބަލައިގެންފައިވާ ހަމަތަކަށް ނުފެތޭގޮތަށް އަދި އެހަމަތަކާ ޚިލާފަށް ކަމަށެވެ.
"އަދި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ މި ބުނެވުނު މާއްދާތަކަކީ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާވެސް ޚިލާފު އިޞްލާޙުތަކެއްކަމުގައިވުމެވެ. މިބުނެވުނު ދެ ކުށް ބަޔާންކުރެވިފައިވަނީ އެކި މާނަ ދޭހަވާ އިބާރާތުން، ޚިޔާލުފާޅުކުރުމުގެ ޙައްޤަށް އުނިކަން އަންނަގޮތަށް އަދި އިސްލާމީ މުޖްތަމަޢެއްގެ މުސްލިމުންގެ މައްޗަށް ކޮންމެހެން ވާޖިބްވެގެންވާ ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމުގެ މުހިންމު ޒިންމާ އުފުލުމަކީ ޤާނޫނީ ކުށެއްކަމަށް ކަނޑައެޅޭ ބީދައިންނެވެ." އަދާލަތު ޕާޓީގެ ކަރުދާހުގައިވެއެވެ.
މީގެ އިތުރުން މި އިސްލާހާއި ގުޅޭގޮތުން އަދާލަތު ޕާޓީން ބުނެފައިވަނީ ހުށަހަޅާފައިވާ އިސްލާހަކީ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ބައިނަލްއަޤްވާމީ ހަމަތަކާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލް އަޤްވާމީ މުޢާޙަދާތަކުން ލާޒިމްކުރާ އިލްތިޒާމްތަކާ ޚިލާފު، މުޖްތަމަޢުގައި ނަފްރަތާއި ރުޅިވެރިކަން އިތުރުވުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އިޞްލާހެއް ކަމަށެވެ.