އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އައްޑޫ ފްލައިންގް ސްކޫލް)ގައި ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާ އެއްގޮތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެއް ދަރިވަރުން ދައްކާކަށް ނުޖެހޭނެއެވެ. އަދި މި ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުން ކަމަށްވެސް ހަޔަރ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.
މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސް ދުވަހަށް ބަދަލުކޮށްފައިވެއެވެ.
އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.