Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

މޭޑޭ މުޒާހަރާ ރޫޅާލަން އުޅުނު ދެ ފުލުހަކު ޕަބްލިކް އޯޑަރ ޓްރެއިނިން ހަދާފައިނުވޭ

މިއަހަރުގެ މޭޑޭ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު / އަދަދު

މިއަހަރުގެ މޭޑޭ މުޒާހަރާ ރޫޅާލަން އުޅުނު ދެ ފުލުހަކު ޕަބްލިކް އޯޑަރ ޓްރެއިނިން ހަދާފައިނުވާކަން ހާމަވެއްޖެއެވެ.

މާލޭގައި ރަސްފަންނު ސަރަހައްދުގައި މޭޑޭ ފާހަގަކުރުމުގެ ގޮތުން ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކުރި ގޮތާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހަށް އަމާޒުވެފައިވެއެވެ. އަދި އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްފައިވާ ކަމަށް އެ މުޒާހަރާގައި އުޅުނު ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސުވާލު ކޮށްފައެވެ. އެގޮތުން އެ މުޒާރަހާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށާއި، މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފައިވާނަމަ އެ ކަން ހާމަކޮށްދިނުމަށެވެ. އަދި އެރޭ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވީ އެކަމާ އެކަށީގެންވާ ޓްރެއިނިންގ ލިބިފަިއވާ ފުލުހުންތޯވެސް ސުވާލު ކޮށްފައިވެއެވެ.

އެސުވާލުތަކަށް މިނިސްޓަރު އިމްރާން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، އެރޭ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާގުޅޭ މައްސަލައިގެ ތަހުގީގު ނިންމާ ޑިސިޕްލިނަރީ ބޯޑުން އެއް މައްސަލައާ މެދު ގޮތް ނިންމުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އިމްރާންގެ ޖަވާބުގައި ބުނެފައިވަނީ، މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމްގައި ހިމެނޭ 10 ފުލުހުންގެ ތެރެއިން 8 ފުލުހުންނަކީ ޕަބްލިކް އޯޑަރ ޓްރެއިނިން ހަދާފައިވާ ފަރާތްތައް ކަމަށެވެ.

"އަދި ބާކީ ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކީ ޕަބްލިކް އޯޑަރ ޓްރެއިނިން ހަދާފައި ނުވިނަމަވެސް ޓީމް ލީޑް ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ފުލުހެކެވެ. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަ ކޮށްފައިނުވާ ފުލުހެކެވެ." މިނިސްޓަރު އިމްރާންގެ ޖަވާބުގައިވެއެވެ.

މީގެ އިތުރުން ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރުމާ ގުޅޭގޮތުން މީކާއިލް ސުވާލު ކޮށްފައިވާއިރު ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ އެ ކަން ކުރުމަށް ޕޮލިސީ ލެވެލްގައި ނިންމާފައިވާކަމަށެވެ. އަދި ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.