ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ބުނި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
އެ ކޮމިޓީ ބައްދަލުވުން މިއަދު މެންދުރު 02:00 ގައި ބޭއްވުމަށް ނިންމާފައިވާއިރު، ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ހިސާނަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި މައްސަލަ ދިރާސާ ކުރުމުވެއެވެ.
އެކަން ހިނގާފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތުއެވެ. އެމައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ހިސާން ގެނެސްފައިވާއިރު، އެ މި މައްސަލަ އިތުރަށް ބެލުމަށް މަޖިލީހުން ޑިފެންސް މިނިސްޓްރީއަށާއި ފުލުހަށް ވެސް ހުށަހަޅާފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީގެ ލީޑަރު ސިޔާމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެ ވާހަކައިގެ މުޅި މަފުހޫމު އޮޅުވާލައި ތަފާތު އެކި މަންސަތަކުގައި ޕާޓީގެ ލީޑަރާމެދު ނަފުރަތު އުފައްދަމުން ގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.