Last Updated: June 30, 14:08
Tuesday, June 30, 2026
ސިޔާސީ

އަލީ ހަމީދުގެ މައްސަލަ ބަލާ ކޮމިޓީ އަށް ސުއޫދު

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީއަށް ކުރީގެ ބަންޑާރަ ނައިބް ހުސްނުއްސުއޫދު ހަމަޖައްސައިފި އެވެ.

ސުއޫދު އެކޮމިޓީގެ މެންބަރު ކަމަށް ހަމަޖައްސަވާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ސުއޫދު އެކޮމިޓީއަށް ހަމަޖެއްސުމަށް ނިންމުމާއި ގުޅިގެންނެވެ.

ސުއޫދު އެ ކޮމިޓީއަށް އައްޔަންކުރެއްވީ ގާނޫނީ ވަކީލުންގެ ފަރާތުން ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި މުހައްމަދު އަނިލް ދައުލަތުގެ ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގެން ކޮމިޓީން އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބަންޑާރަނައިބުގެ ހައިސިއްޔަތުން އަނިލް މިހާރު ވަނީ ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ ވެސް ކުރައްވާފައެވެ.

ސުއޫދުގެ އިތުރުން އަލީ ހަމީދުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބް ރައީސް އަބްދުﷲ ދީދީއާއި ކޮމިޝަންގެ މެންބަރު ލަތީފާ ގާސިމާއި، ކޮމިޝަންގެ މެންބަރު އަހުމަދު ރަޝީދުއާއި އަދި ގާނޫނީ ވަކީލު ހުސައިން ސިރާޖު އެވެ.

އަލީ ހަމީދާ މެދު ދެކޮޅަށް ފިޔަވަޅު އެޅުމަށް އޭނާގެ މައްސަލަ ކޮމިޓީން މީގެ ކުރިން ނިންމާފައިވިޔަސް އެމައްސަލަ ކުރިއަށް ގެންދެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެމައްސަލާގައި އިތުރު ހެކި ހޯދަން ޖޭއެސްސީން ވަނީ ކޮމިޓީއަށް އަންގާފަ އެވެ.

ސުއޫދު ވަނީ މީގެ ކުރިން އަލީ ހަމީދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ގޮވާލާފައެވެ.