Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

އެމްއެމްޕީއާރްސީ މައްސަލައާއި ބޮމާއި ގުޅުމެއް ނެތް ކަމަށް ބަލައިގެން ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިދަށް ދެވުނު ބޮމުގެ ހަމަލާއާ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅުން ނެތް ކަމަށް ދެކިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެގޮތުން ރޭގެ ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ނަޝީދު ދައްކަވާފައިވާ އޯޑިއޯއެއް އިއްވާލާފައެވެ.

އެ މެމްބަރުގެ ވާހަކައަށްފަހު ވާހަކަދައްކަމުން ހަސަން ވިދާޅުވީ ނަޝީދު ދެއްކެވި ވާހަކަތައް ވަރަށް ކަނުލައި އަޑުއަހައިފި ކަމަށާއި ނަޝީދަށް ދެވުނު ހަމަލާއާ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުން ނެތް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެ މައްސަލައާ ގުޅުންހުރި ވާހަކައެއް ނޫން. އެހެން ނަމަވެސް އެއީ އެއްފަރާތް ކުރެވޭނެ މައްސަލައެއްގެ ގޮތުގައެއް ބަލައިގެން ނުވާނެ" ހަސަން ވިދާޅުވިއެވެ.

ހަސަން މިހެން ވިދާޅުވިއިރު ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނު އެންމެފަހުން ޓްވީޓު ކުރެއްވީ ވެސް އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން އެ ޓްވީޓުގައި ނަޝީދު ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ހިމެނޭ މީހުންގެ މުޅި ލިސްޓު މަޖިލީހަށް ލިބިފައިވާކަން ހާމަކުރައްވާފައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، ބޭރުގެ ފަރާތްތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.