ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ގޮޑި ފުރުއްވަމުން އަންނަ ހިތަދޫ އެވަރެސްޓް، ހަސަން ލަޠީފް ރޭ ޖުމްހުރީ ޕާޓީ އާ ގުޅިއްޖެއެވެ.
ރޭ ޖުމްހުރީ ޕާޓީގެ މައި ހަރުގެ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ހަސަން ލަޠީފްގެ އިތުރުން އެހެން ދެ މަޖިލީސް މެމްބަރުން ވަނީ ޖޭޕީ އާ ގުޅިވަޑައިގެންފަ އެވެ.
ޖުމްހުރީ ޕާޓީ "ރައްޔިތުންނާއި ގާތަށް" ޖަލްސާގައި ދެން ސޮއިކުރެއްވީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.
މަޖިލީހުގެ ތިން މެމްބަރުންގެ އިތުރުން އެމްޓީސީސީގެ ކުރީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމާއި ޓީވީއެމްގެ ކުރީގެ ސީއީއޯ އަލީ ޚާލިދާއި ފިޝަރީޒް މިނިސްޓަރުގެ ނައިބު އަލީ ސޯލިހު ވެސް ވަނީ ރޭ ޖޭޕީ އަށް ސޮއިކުރައްވާފައެވެ.
އޭގެ ތެރެއިން ޑރ. އަދުހަމު ކުރިން ހުންނެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގަ އެވެ. އަދި އަލީ ސޯލިހު ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ) ގަ އެވެ.
ހަސަން ލަޠީފް ވަނީ ރިއާސީ އިންތިހާބްގެ ފުރަތަމަ ބުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ނާކާމިޔާބްވީ ހިސާބުން ޖޭޕީގެ ކޯލިޝަނަށް ތާއިދުކޮށް ޖުމްހުރީ ގުޅުމާއި އެކު ކެމްޕެއިންގައި ހަރަކާތްތެރިވެފައެވެ.
އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއިން ޖޭޕީގެ ޓިކެޓްގައި ހަސަްނ ލަޠީފް ނިކުންނަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އަދި އެފަދަ އެއްވެސް އިޝާރަތެއް ހަސަން ލަޠީފް ނުދެއްވައެވެ.