Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

ހުޅުމީދޫ ވިލާ ކެމްޕަހުން އިތުރު ކޯސްތަކެއް

ލޯ ފެކަލްޓީ ހުޅުވަން ހެނދުނު ބޭއްްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ ވިލާ ކޮލެޖް

މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އާއި ވިލާ ކޮލެޖް ގުޅިގެން ހުޅުމީދޫގައި ހިންގާ ލޯ ކޮލެޖުން އަންނަ އަހަރަށް އިތުރު ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.

ލޯ ކޮލެޖުން ބުނީ އަންނަ އަހަރު އެކޮލެޖުން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބިޒްނަސް ފައުންޑޭޝަން އާއި ފައުންޑޭޝަން އޮފް އިންފޯމޭޝަން ޓެކްނޮލޮޖީގެ އިތުރުން ބިޒްނަސް ސެޓްފިކެޓް 3 އާއި އިންފޯމޭޝަން ޓެކްނޮލޮޖީގެ ސެތްފިކެޓް 3 ގެ ކޯސް އަލަށް ފަށާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ޝަރީއާ ފައުންޑޭޝަން ކޯސްތައް ކުރިއަށް ދާނެ ކަމަށެވެ.

ލޯ ކޮލެޖުން ބުނީ އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ފޯމު ބަލައިގަންނާނެކަމަށެވެ.

މިކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދެއްވުމަށް ކޮލެޖްގެ 6894555 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖްގެ ކޯސްތައް އައްޑޫގައި ފެށުމަށް ގިނަ ބަޔަކު ވަނީ އެދިފައެވެ. އެހެން ނަމަވެސް ޖާގައިގެ މައްސަލަ އާއި ހެދި ކޯސްތައް ނުފެށި ވަނިކޮށް ލޯ އިންސްޓިޓިއުޓާއި ގުޅިގެން ހުޅުމީދޫ އެސްޓިއޯ އާ އިމާރާތުގައި ލޯ ކޮލެޖް ކެމްޕަހެއް މިއަހަރު މެދުތެރޭ ވަނީ ގާއިމް ކޮށް ކިޔަވާދޭން ފަށާފައެވެ. މިކޯސްތަކުގައި އައްޑޫ ނޫން ސަރަހައްދުގެ ކުދިން ބައިވެރިވާކަން ފާހަނގަ ކުރެވެއެވެ.