3-0 އިން ތުރުކީ ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އިޓަލީން ކާމިޔާބުކޮށްފިއެވެ.
އިޓަލީގެ ވެރިރަށް ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯ މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަަމަވެސް މި ހާފުގައި އިޓަލީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ލޮރެންޒޯ އިންސިންޔޭ ފޮނުވާލި ހަމަލާ ގޯލާއި އަމާޒު ނުވެ ބޭރަށް ދިޔައިރު، އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ބޮލުން ފޮނުވާލި ހަަމަލާ ދިފާއުކުރީ ތުރުކީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމީރާލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް ބައިކޮޅަށް ވަތް ގޯލަކުން މުބާރާތް ފެށި ފުރަތަމަ ފަހަރެވެ.
މި ގޯލަށްފަހު ވެސް އިޓަލީން ދިޔައީ ތުރުކީގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓްގައި ސިރޯ އިމޯބިލޭ ވަނީ އިޓަލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 79 ވަނަ މިނެޓްގައި އިމޯބިލޭ ދިން ޕާހަކުން ލޮރެންޒޭ އިންސިންޔޭ ވަނީ އިޓަލީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފައެވެ.
ތުރުކީގެ ފަރާތުން މި މެޗުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އިޓަލީގެ ގޯލާ އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އިޓަލީން ފަަސޭހަ މޮޅެއް ހޯދިއިރު، މިއީ ޔޫރޯގެ މެޗެއްގައި އެޓީމުން ތިން ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
ގްރޫޕް އޭ ގައި ހިމެނޭ އިޓަލީ މުބާރާތުގެ ދެވަނަ މެޗުގައި ނިކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ. އަދި ތުރުކީ ނިކުންނާނީ ވޭލްސް އާއި ދެކޮޅަށެވެ.