ވޭލްސްގެ ގައުމީ ޓީމަށް ގޯލުތަކެއް ނުޖެހި ގިނަ ދުވަސްތަަކެއް ވުމަކީ ކަންބޮޑުވުން އޮތް ކަމެއް ނޫން ކަމަށް އެޓީމުގެ ކެޕްޓަން ގެރެތް ބޭލް ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ބޭލް އެންމެފަހުން ވޭލްސްގެ ގައުމީ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައިވަނީ 2019 ވަނަ އަހަރު ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ނަމަވެސް އެންމެފަހުން ވޭލްސް އިން ކުޅުނު ހަތް މެޗުގައި އޭނާ ވަނީ ހަތަރު އެސިސްޓް ހަދާފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ވޭލްސް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބޭލް ބުނީ ގައުމީ ޓީމަށް ގޯލުތަކެއް ނުޖެހި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ހަތް އެސިސްޓް ހަދާފައިވުމުން ޓީމަށް ކޮންމެވެސް ގޮތަކުން އެހީތެރިވެވޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެން ކަންބޮޑެއް ނުވޭ. ގޯލުގެ ދާގަނޑު ހުރި ތަން އަހަންނަށް އިނގޭ، ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ އުއްމީދަކީ ގޯލެއް ކާމިޔާބު ކުރުން" ބޭލް ބުންޏެވެ.
އަދި ޓީމަށް ގޯލު ޖަހައިދޭ މީހުން ބެލުން މުހިއްމު ނޫން ކަމަށާއި އެންމެ މުހިއްމީ މެޗުގެ ނަތީޖާ ކަމަށްވެސް ބޭލް ބުންޏެވެ.
ވޭލްސް އަކީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި ޓީމެކެވެ. ނަމަވެސް ވޭލްސް އާއި ދެކޮޅަށް ނިކުންނަ ސްވިޒަލޭންޑަށް ބޮޑެތި މުބާރާތްތަކުގައި މާ އެދެވޭ ނަތީޖާތަކެއް މިހާތަނަށް ނެރެވިފައެއް ނުވެއެވެ.
ވޭލްސް އާއި ސްވިޒަލޭންޑްގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ ތުރުކީ އާއި އިޓަލީއެވެ. އެގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅުނު މެޗުން އިޓަލީން ވަނީ 3-0 އިން ތުރުކީ ބަލިކޮށްފައެވެ.
ވޭލްސް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.