ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ރަޝިޔާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.
ޑި ބްރޭނާ އަށް މި މެޗުގައި ނުކުޅެވެނީ މިދިޔަ މަހުގެ ފަހުކޮޅު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓަރ ސިޓީން ކުޅުނު މެޗުގައި އޭނާގެ ލޮލަށާއި ނޭފަތަށް ލިބުނު އަނިޔާ އިން އަދިވެސް މުޅިން ރަނގަޅު ނުވާތީ އެވެ.
ބެލްޖިއަމްގެ ގައުމީ ޓީމުން ބުނީ މެޗު ކުޅުމަށް ރަޝިޔާ އަށް ދަތުރުކުރި ޓީމުގައި ޑި ބްރޭނާގެ އިތުރުން ފަޔަށް ލިބުނު އަނިޔާއަކުން ރަނގަޅުވަމުން އަންނަ މިޑްފީލްޑަރު، އެކްސެލް ވިޓްސެލް ނުހިމެނޭ ކަމަށާއި އެ ދެ ކުޅުންތެރިން ވެސް އަނިޔާ އިން ރަނގަޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބެލްޖިއަމް އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނައިގައި އޮތް ޓީމު ކަމަށްވާއިރު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ޔޫރޯ ފަދަ ބޮޑު މުބާރާތެއްގައި އަބަދުވެސް ފުރަތަމަ މެޗަކީ އެންމެ އުނދަގޫ މެޗު ކަމަށާއި މިރޭގެ މެޗަކީ ބެލްޖިއަމް ޓީމަށް އޮތް ވަރުގަދަ އިމްތިހާނެއް ކަމަށެވެ.
"ރަޝިއާ ޓީމު ވަރަށް ރަނގަޅަށް ދަންނަން. ހަމަ އެގޮތަށް ރަޝިއާ އަށް އިނގޭނެ ބެލްޖިއަމް ޓީމު ވެސް ހިތުދަސްކޮށް. އަނެއްކޮޅުން ރަޝިއާގެ ދަނޑުގައި ކުޅޭއިރު އެމީހުންނަށް ސަޕޯޓު ދޭން ސަޕޯޓަރުން ވެސް ތިބޭނެ. މިއީ ވަރުގަދަ އިމްތިހާނެއް" މާޓިނޭޒް ބުންޏެވެ.
ގްރޫޕް ބީ ގައި ބެލްޖިއަމް އާއި ރަޝިއާގެ އިތުރުން ދެން ހިމެނެނީ ފިންލެންޑާއި ޑެންމާކް އެވެ.
ބެލްޖިއަމް އާއި ރަޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.