ޖަލުތަކުގައި މިހާރު ހިންގާ އޮޕަރޭޝަންގައި ގައިދީންނަށް އަނިޔާވެފައިވާކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަނީ ސައްހަ ފޮޓޯތަކެއް ނޫންކަމަށް ކަރެކްޝަނަލް ސާވިސުން ބުނެފިއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ޖަލުތަކުގައި މިއަދު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުން އަންނައިރު އެ އޮޕަރޭޝަންތަކުގެ ތެރެއިން ޓޭޒަރ ބޭނުންކުރުމުން ގައިދީންނަށް އަނިޔާވެފައިވާކަމަށް ބުނާ ފޮޓޯ ތަކެއް އަންނަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި އަދި ޓޭޒަރ ބޭނުންނުކުރާކަމަށެވެ.
އަދި އަނިޔާވެފައިވާ ކަމަށްބުނެ ދައުރުކުރާ ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި އޮޕަރޭޝަންގައި ގައިދީންނާ އެއްވެސް ކަހަލަ ކުރިމަތިލުމެއް ހިނގިތޯ ސުވާލު ކުރުމުން ވިދާޅުވީ، އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށާއި، އެކަމާ ގުޅޭގޮތުން އޮޕަރޭޝަން ނިމުމުން މައުލޫމާތުދޭނެކަމަށެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެންނާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން، މާލޭ ޖަލާއި މާފުށީ ޖަލުގަ ސިފައިން، ފުލުހުން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަކަމަށެވެ.