ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލޭންޑް އާއި ވޭލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމު މިއަދު ކުޅުނު މެޗާއެކު އެ ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ އިޓަލީ އެވެ. ސްވިޒަލޭންޑާއި ވޭލްސް އަށް އެއް ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ތުރުކީ އެވެ.
އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ސްވިޒަލޭންޑްގެ ސެފެރޮވިޗް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ވޭލްސްގެ ކީޕަރު ދިފާއުކުރިއިރު، ފުދޭ ވަރަކަށް ހުހަށް ހުރެ ފޮނުވާލި އަނެއް ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މި ހާފުގައި ވޭލްސް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ކީފާ މޯ އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ސްވިޒަލޭންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 49 ވަނަ މިނެޓްގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރީލް އެމްބޯލޯ ވަނީ ސްވިޒަލޭންޑަށް ލީޑު ނަގާދީފައެވެ. މި ގޯލު އެމްބޯލޯ ކާމިޔާބު ކުރީ ވޭލްސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލު ހަމަލާއަކުންނެވެ.
މި ގޯލު ކާމިޔާބު ކުރިތާ އިރުކޮޅެއްފަހުން ލީޑު ފުޅާކޮށްލަން ވެސް ސްވިޒަލޭންޑަށް ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އެމްބޯލޯ ދިން ޕާހަކުން ކެވިން އެމްބަބޫ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށެވެ. އަދި އޭގެފަހުން އެމްބޯލޯ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ވޭލްސްގެ ގޯލަށް ފޮނުވާލާފައެވެ.
ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ސްވިޒަލޭންޑަށް ނުހިފުނުއިރު މެޗުގެ 74 ވަނަ މިނެޓްގައި މޯ ވަނީ ވޭލްސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފަހު 15 މިނެޓްގައި ލީޑު ނަގަން ސްވިޒަލޭންޑުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ވޭލްސްގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.
މުބާރާތުގައި ވޭލްސް ދެން ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. ސްވިޒަލޭންޑް ބައްދަލުކުރާނީ އިޓަލީއާއެވެ.