Last Updated: July 22, 16:52
Wednesday, July 22, 2026
ކުޅިވަރު

ކުއްލި ގޮތަކަށް އެރިކްސަން ދަނޑު މައްޗަށް ވެއްޓި، މެޗު މެދުކަނޑާލައިފި

ކުއްލިގޮތަކަށް ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެމުންދިޔަ ޑެންމާކް އާއި ފިންލޭންޑުގެ މެޗު މެދުކަނޑާލައިފިއެވެ.

އެރިކްސަން ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓިފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. އެރިކްސަން ދަނޑު މައްޗަށް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ސިއްހީ އެހީތެރިން އޭނާ އަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

އަދި މެޗު ބަލަން ދަނޑުގައި ތިބި މީހުންގެ މޫނުމަތިން ވެސް މާޔޫސްކަން ފެންނަމުންދާއިރު، ޔޫއެފާ އިން ވަނީ މި މެޗުގެ ކުޅުން މެދުކަނޑާލާފައިވާކަން އިއުލާންކޮށްފައެވެ. މެޗުގެ ކުޅުން މެދުކަނޑާލިއިރު، ލަނޑެއް ނުޖެހި ދެ ޓީމުވެސް އޮތީ އެއްވަރުވެފައެވެ.

އެރިކްސަން އަށް ފަރުވާ ދެމުންދާއިރު އޭނާގެ އަންހެނުން ވެސް ދަނޑުމަތީގައި މިވަގުތު ހުރިއިރު، ފުޓްބޯޅަ އާއިލާ މިވަގުތު އޮތީ ހިތާމައެއްގެ ތެރޭގައެވެ.

ޑެންމާކް އާއި ފިންލޭންޑް މިރޭ ބައްދަލުކުރާ މި މެޗަކީ ރޭ ފެށި ޔޫރޯގެ ތިންވަނަ މެޗެވެ. އަދި މިއީ ގްރޫޕް ބީ ގެ ފުރަތަމަ މެޗެވެ.