ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކް އާއި ފިންލޭންޑް ބައްދަލުކުރި މެޗު ކުޅެމުންދަނިކޮށް ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެރިކްސަން ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓިފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. އެރިކްސަން ދަނޑު މައްޗަށް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފު ނުވާއިރު، އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ސިއްހީ އެހީތެރިން ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ދަނޑުގައި ތިބި ބައެއް މީޑިއާތަކުގެ ރިޕޯޓަރުން ބުނާ ގޮތުގައި ދަނޑުމަތީގައި ފަރުވާ އަށްފަހު އެރިކްސަން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ އަތުން ސަޕޯޓަރުންނަށް ހަނާ އަޅާފައެވެ.
މި ހާދިސާއާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޔޫއެފާ އިން މިހާރު އަންނަނީ ދެ ޓީމާއެކު ކުއްލި ބައްދަލުވުމެއް ބާއްވަމުންނެވެ. އެ ބައްދަލުވުމަށްފަހު މެޗު ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޔޫއެފާ އިން ބުނެއެވެ. މެޗުގެ ކުޅުން މެދުކަނޑާލިއިރު، ލަނޑެއް ނުޖެހި ދެ ޓީމުވެސް އޮތީ އެއްވަރުވެފައެވެ.
ޑެންމާކް އާއި ފިންލޭންޑް މިރޭ ބައްދަލުކުރާ މި މެޗަކީ ރޭ ފެށި ޔޫރޯގެ ތިންވަނަ މެޗެވެ. އަދި މިއީ ގްރޫޕް ބީ ގެ ފުރަތަމަ މެޗެވެ.