Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

އެރިކްސަންގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކް އާއި ފިންލޭންޑް ބައްދަލުކުރި މެޗު ކުޅެމުންދަނިކޮށް ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޔޫއެފާ އިން ބުނެފިއެވެ.

ޔޫއެފާ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި މިހާރު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިހާރު މެދުކަނޑާލާފައިވާ މި މެޗު ކުރިއަށް ގެންދިޔުމާއި މެދު ގޮތެއް ނިންމުމަށް ދެ ޓީމާއެކު ކުއްލި ބައްދަލުވުމެއް ބާއްވަމުން އަންނަ ކަމަށްވެސް ޔޫއެފާ އިން ބުނެފައިވެއެވެ. މެޗުގެ ކުޅުން މެދުކަނޑާލިއިރު، ލަނޑެއް ނުޖެހި ދެ ޓީމުވެސް އޮތީ އެއްވަރުވެފައެވެ.

އެރިކްސަން ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓިފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. އެރިކްސަން ދަނޑު މައްޗަށް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފު ނުވާއިރު، އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ސިއްހީ އެހީތެރިން ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ދަނޑުމަތީގައި ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓަށް އޭނާ ފަރުވާ ދީފައިވެއެވެ.

ޑެންމާކުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އެރިކްސަން އަށް ދަނޑު މަތީގައި ފަރުވާ ދެމުންދިޔައިރު ދެ ޓީމުގެ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ މޫނުމަތިން ވެސް ފެނިގެން ގޮސްފައިވަނީ މާޔޫސްކަމެވެ.

އެރިކްސަންގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނައިރު، އެ ހާލަތުގައި ރެފްރީ އެންތަނީ ޓެއިލާ އަމަލުކުރި ގޮތަށާއި އަދި އޭނާ އަށް ދަނޑުމަތީގައި ފަރުވާދިން މެޑިކަލް ޓީމަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.

ދަނޑު މައްޗަށް ކުޅުންތެރިން ކުއްލި ގޮތަކަށް ވެއްޓުމުގެ ހާދިސާތަކަކީ މަދުން ނަމަވެސް ހިނގަމުންދާ ކަމެކެވެ. އެގޮތުން 2003 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ކެމަރޫން އާއި ކޮލަމްބިޔާ ބައްދަލުކުރި މެޗު ކުރިއަށް ކުރިއަށްދަނިކޮށް ކެމަރޫންގެ މާކް ވިވިއެން ފޯޔޭ ވަނީ ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓި މަރުވެފައެވެ.