Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ޑެންމާކް-ފިންލޭންޑް މެޗު ކުރިއަށްގެންދަން ނިންމައިފި

މެޑިކަލް އިމަޖެންސީއަކާއި ގުޅިގެން މެދުކަނޑާލި ޑެންމާކް އާއި ފިންލޭންޑް ބައްދަލުކުރި މެޗު މިރޭ ކުރިއަށްގެންދަން ނިންމައިފިއެވެ.

މި މެޗުގެ ކުޅުން މެދުކަނޑާލީ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެންނެވެ. އިތުރު ފަރުވާ އަށް އެރިކްސަން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑެންމާކުގެ ފުޓްބޯޅަ އިދާރާ އިން ބުނެއެވެ.

ޔޫއެފާ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ދެ ޓީމުގެ ކުޅުންތެރިންގެ ވެސް އެދުމުގެ މަތިން މެދުކަނޑާލި މެޗު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މެޗުގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 11:30 ގައެވެ.

އެގޮތުން ފުރަތަމަ ހާފްގެ ނުނިމި އޮތް ހަތަރު މިނެޓް ކުޅުމަށްފަހު، ފަސް މިނެޓްގެ ބްރޭކަކަށްފަހު ދެވަނަ ހާފްގެ ކުޅުން ފަށާނެ ކަމަށް ޔޫއެފާ އިން ބުނެއެވެ. މެޗުގެ ކުޅުން މެދުކަނޑާލިއިރު ލަނޑެއް ނުޖެހި ދެ ޓީމުވެސް އޮތީ އެއްވަރުވެފައެވެ.

އަދި މިރޭ ކުޅެން ހަމަޖެހިފައި އޮތް ބެލްޖިއަމް އާއި ރަޝިޔާ ބައްދަލުކުރާ މެޗު ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ޔޫއެފާ އިން ބުނެއެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.