ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ޑެންމާކުގެ މައްޗަށް 1-0 އިން ކުރި ހޯދައި ފިންލޭންޑުން ތާރީހީ މޮޅެއް ހޯދައިފިއެވެ.
މިފަހަރުގެ ޔޫރޯ އަކީ ފިންލޭންޑް ކޮލިފައިވި ފުރަތަމަ ބޮޑު މުބާރާތްކަން ފާހަގަކޮށްލެވެއެވެ. ގްރޫޕް ބީ ގައި ފިންލޭންޑް އާއި ޑެންމާކުގެ އިތުރުން ދެން ހިމެނެނީ ބެލްޖިއަމް އާއި ރަޝިޔާ އެވެ.
ޑެންމާކުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން މެޗުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ދަނޑު މަތީގައި ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓަށް އެރިކްސަން އަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
މެޗުގެ ކުޅުން އަލުން ފަށަން ޔޫއެފާ އިން ނިންމީ ދެ ޓީމުގެ ކުޅުންތެރިން ވެސް އެގޮތަށް ބޭނުންވެ ޔޫއެފާގައި އެދުމުންނެވެ. މެޗުގެ ކުޅުން އަލުން ފެށީ ފުރަތަމަ ހާފްގެ ނުނިމި އޮތް ހަތަރު މިނެޓުންނެވެ. އެގޮތުން އެރިކްސަންގެ ބަދަލުގައި ކުޅެން އެރީ މަތިއަސް ޔެންސެންއެވެ. ފުރަތަމަ ހާފްގެ ފަހު ހަތަރު މިނެޓް ކުޅުމަށްފަހު، ފަސް މިނެޓްގެ ބްރޭކަކަށްފަހު ދެވަނަ ހާފްގެ ކުޅުން ވަނީ ފަށާފައެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ޑެންމާކުން ފިންލޭންޑުގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ފިންލޭންޑުގެ ކީޕަރު ރަޑެކީ އަދި އެޓީމުގެ ޑިފެންޑަރުންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.
ޑެންމާކަށް ފިންލޭންޑުގެ ޑިފެންސް ފޫއަޅުވާލުމުުގައި އުނދަގޫތަކެއް ކުރިމަތިވިއިރު، މެޗުގެ 59 ވަނަ މިނެޓްގައި ފިންލޭންޑުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ޔުރެނޮން ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޮއެލް ޕޮޖަންޕަލޯއެވެ.
ނަތީޖާ އެއްވަރުކުރުމަށް ޑެންމާކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ޑެންމާކުގެ ހޮއިބާގް އާދައިގެ ގޮތަކަށް ފޮނުވާލި އެ ޕެނަލްޓީ ފިންލޭންޑުގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މުބާރާތުގައި ފިންލޭންޑް ދެން ބައްދަލުކުރާނީ ރަޝިޔާއާއެވެ. ޑެންމާކް ނިކުންނާނީ ބެލްޖިއަމް އާއި ދެކޮޅަށެވެ.