Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ލުކާކޫގެ ދެ ގޯލުން ބެލްޖިއަމް އަށް ކާމިޔާބު ފެށުމެއް

ރަޝިއާގެ މައްޗަށް 3-0 އިން ކުރި ހޯދާ ޔޫރޯ ފުޓްބޯޅަ މުބަރާތުގެ ފެށުން ބެލްޖިއަމް އިން ރަނގަޅުކޮށްފިއެވެ.

ގްރޫޕް ބީ ގައި ހިމެނޭ މި ދެ ޓީމު މިރޭ ކުޅުނު މެޗާއެކު އެ ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ބެލްޖިއަމް އެވެ. ދެވަނައިގައި އޮތް ފިންލޭންޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ބެލްޖިއަމް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޑެންމާކް އާއި ރަޝިއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރަޝިއާގެ ސެއިންޓް ޕީޓަސްބާގްގައި މިރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓްގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އެގޮތުން މި ގޯލަށްފަހު ލުކާކޫ ވަނީ މިރޭ ޑެންމާކް އާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން ކުއްލިގޮތަކަށް ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ހާއްސަ މެސެޖެއް ރައްދުކޮށްފައެވެ. ލުކާކޫ އާއި އެރިކްސަން އަކީ އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ.

ބެލްޖިއަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފުރަތަމަ ހާފްގައި ފެނިގެންދިޔައިރު މެޗުގެ 34 ވަނަ މިނެޓްގައި ތޯމަސް މުނިއޭ ވަނީ ބެލްޖިއަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ދެ ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެލްޖިއަމް އަށް ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ފުރުސަތުތަކެއް ލިބިފައިވެއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ރަޝިއާ އިން ކުޅުން ރަނގަޅު ކުރި ނަމަވެސް މާބޮޑު ނުރައްކަލެއް ބެލްޖިއަމްގެ ގޯލަށް އެޓީމަށް ކުރެވިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައި ވެސް ރަޝިއާ ޓީމަށް ބެލްޖިއަމްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި ބެލްޖިއަމް އިން ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި މުނިއޭ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ލުކާކޫއެވެ.

މި މުބާރާތުގައި ބެލްޖިއަމް ދެން ބައްދަލުކުރާނީ ޑެންމާކްއާއެވެ. އަދި ރަޝިއާ ނިކުންނާނީ މިރޭ ޑެންމާކުގެ މައްޗަށް ކުރި ހޯދި ފިންލޭންޑާއި ދެކޮޅަށެވެ.