Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

އެރިކްސަންގެ ވިންދު ހުއްޓުނު، ސަލާމަތްވީ އެހީ ލިބުން އަވަސްވުމުން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޑެންމާކް އާއި ފިންލޭންޑް ބައްދަލުކުރި މެޗު ކުޅެމުންދަނިކޮށް ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ވިންދު ހުއްޓުނު ކަމަށާއި ފުރާނަ ސަލާމަތްވީ މެޑިކަލް ޓީމުގެ އެހީ ލިބުން އަވަސްވުމުން ކަމަށް ޑެންމާކުގެ ގައުމީ ޓީމުގެ ޑޮކްޓަރު މާޓިން ބޯސެން ބުނެފިއެވެ.

އެރިކްސަން ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓިފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. ދަނޑު މަތީގައި ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓަށް އެރިކްސަން އަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ރޭގެ މެޗު ހުއްޓާލި ހިސާބުން އަލުން ފެށިއިރު، އެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ފިންލޭންޑުންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޑެންމާކު ޓީމުގެ ޑޮކްޓަރު ބޯސެން ބުނީ އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ޓީމުގެ މެޑިކަލް ޓީމު ދަނޑަށް އަރަން އެންގި ކަމަށާއި އަދި އެރިކްސަންގެ ގާތަށް ދިޔައިރު ނޭވާލާއި ވިންދު ވެސް ހުރި ކަމަށެވެ.

"އެކަމަކު ކުއްލިއަކަށް ވިންދު ހުއްޓުނު، އެންމެންނަށް ވެސް އެކަން އެނގުނު. އެއާއެކު ވަގުތުން ސީޕީއާރް ދޭން ފެށިން. މެޑިކަލް ޓީމާއި، ޓީމުގެ އެހެން ސްޓާފުންގެ ފަރާތުން އެހީ ލިބުން ވަރަށް ވަރަށް އަވަސް. އެ އެންމެންގެ އެއްބާރުލުމާއެކު އެރިކްސަންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކަންކަން ކުރިން" އޭނާ ބުންޏެވެ.

އަދި އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އެރިކްސަން އޭނާއާ ވާހަކަ ދެއްކި ކަމަށްވެސް ބޯސެން ބުންޏެވެ.

އެރިކްސަން އަށް ދަނޑު މަތީގައި ފަރުވާ ދެމުންދިޔައިރު ޑެންމާކުގެ ކުޅުންތެރިން ތިބީ އޭނާގެ ކުރިމަތީގައި ފާރެއްހެން އެތުރިލައިގެންނެވެ. އެގޮތުން ބައެއް ކުޅުންތެރިންގެ މޫނުމަތިން މާޔޫސްކަން ފެނިގެންދިޔައިރު، ދަނޑުގައި ތިބި 16،000 ސަޕޯޓަރުން ވެސް އެވަގުތު ތިބީ ބޮޑު ހިތާމައެއްގެ ތެރޭގައެވެ.

ދަނޑު މައްޗަށް ކުޅުންތެރިން ކުއްލި ގޮތަކަށް ވެއްޓުމުގެ ހާދިސާތަކަކީ މަދުން ނަމަވެސް ހިނގަމުންދާ ކަމެކެވެ. އެގޮތުން 2003 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ކެމަރޫން އާއި ކޮލަމްބިޔާ ބައްދަލުކުރި މެޗު ކުރިއަށް ކުރިއަށްދަނިކޮށް ކެމަރޫންގެ މާކް ވިވިއެން ފޯޔޭ ވަނީ ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓި މަރުވެފައެވެ.