ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓުމުގެ ހާދިސާއާ ގުޅިގެން ޑެންމާކުގެ ކުޅުންތެރިންނަށް ތެރަޕީ ދޭން ނިންމައިފިއެވެ.
އެރިކްސަން ކުއްލިގޮތަކަށް ދަނޑު މައްޗަށް ވެއްޓިފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. ދަނޑު މަތީގައި ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓަށް އެރިކްސަން އަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އެރިކްސަން އަށް ދަނޑުމަތީގައި ފަރުވާ ދެމުންދިޔައިރު ކުޅުންތެރިންގެ މޫނުމަތިން ވަރަށް ބޮޑަށް މާޔޫސްކަން ފެނިގެން ގޮސްފައިވެއެވެ.
ރޭގެ މެޗަށްފަހު ޑެންމާކުގެ ކޯޗު ކެސްޕާ ޖުލްމަންޑް ބުނީ ޔޫއެފާ އިން ކުޅުންތެރިންނަށް ދެ އިހުތިޔާރެއް ދިން ކަމަށާއި އެއީ ރޭ މެޗު ފުރިހަމަ ކުރުން ނުވަތަ މެޗު މިއަދަށް ފަސްކޮށްލުމުގެ އިހުތިޔާރު ކަމަށެވެ. އެގޮތުން ކުޅުންތެރިން ނިންމީ ރޭ މެޗު ކުޅުމަށް ކަމަށާއި ކުޅުންތެރިންނާއި މެދު ފަހުރުވެރިވާ ކަމަށް ކޯޗު ބުންޏެވެ.
"ހަޔާތުގެ ހުރި މުހިއްމުކަން އަހަރުމެންނަށް ރޭ ހަނދާން އާކޮށްދީފި. އެރިކްސަން އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އެރިކްސަންގެ ހާލު ރަނގަޅުކަން ޔަގީން ނުވަނީސް ކުޅުންތެރިން އެއްވެސް ކަމެއް ކުރަން ބޭނުމެއް ނުވި" ޖުލްމަންޑް ބުންޏެވެ.
ފިންލެންޑް އަތުން 1-0 އިން ޑެންމާކް ރޭ ބަލިވިއިރު، ޖުލްމަންޑް ބުނީ މެޗުން މޮޅުވާން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ހިނގާދިޔަ ކަމުގެ ސަބަބުން ކުޅުންތެރިންނަށް ތިބީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ.
"ބައެއް ކުޅުންތެރިން ތިބީ ކުޅެން ތައްޔާރަށް، އަނެއް ބައި ކުޅުންތެރިން ތިބީ އެ ހާލަތުގައެއް ނޫން. ގާތް އެކުވެރިއަކަށް އެފަދަ ކަމެއް ދިމާވުމުން މެޗެއް ކުޅުމަކީ ނޯމަލް ކަމެއް ނޫން. ތެރަޕީ ސެޝަންތައް އަހަރުމެން ކުރިއަށް ގެންދާނަން. އެކަމުގައި އެހީވާނެ ފަރާތްތައް އެބަތިބި" އޭނާ ބުންޏެވެ.
ރޭގެ މެޗުގައި ޑެންމާކް ކޮޅަށް ގޯލު ވަދެފައިވަނީ ކީޕަރު ކެސްޕާ ޝްމައިކަލް އަށް ހެދުނު ގޯހަކުން ކަމަށްވާއިރު، ނަތީޖާ އެއްވަރުކޮށްލަން ޑެންމާކް އަށް ލިބުނު ޕެނަލްޓީ ވެސް އެޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.