ޔޫރޯގެ ފެވަރިޓުންގެ ތެރޭގައި އިންގްލޭންޑް ހިމެނޭ ކަމަށް ކްރޮއޭޝިއާ ޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ބުނެފިއެވެ.
ގްރޫޕް ޑީ ގައި ހިމެނޭ އިންގްލޭންޑާއި ދެކޮޅަށް ކްރޮއޭޝިއާ މިރޭ ނިކުންނައިރު، މި ދެ ޓީމު ވަނީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ސެމީފައިނަލްގައި ބައްދަލުކޮށްފައެވެ. އެގޮތުން އެ މެޗު 2-1 އިން ކާމިޔާބުކޮށް ކްރޮއޭޝީއާ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މޮޑްރިޗް ބުނީ އިންގްލޭންޑް އަކީ އޭނާ ވަރަށް ރޭޓްކުރާ ޓީމެއް ކަމަށާއި އަދި އެޓީމަކީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ވެސް ހިމެނޭ ޓީމެއް ކަމަށެވެ.
"އޭގެ މާނައެއް ނޫން އަހަރުމެން ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް ނުކުރާނެއޭ. މީގެކުރިން ވެސް ވާނީ އިންގްލޭންޑާއި ދެކޮޅަށް ނަތީޖާ ނެރެވޭނެކަން ދައްކުވައިދީފައި. އިންގްލޭންޑާއި ދެކޮޅަށް ކުޅެން އަހަރުމެންނަށް އިނގޭ. އުއްމީދަކީ މިއަދު ވެސް އެކަން ދައްކާލުން" ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުންޏެވެ.
މިރޭގެ މެޗު ކުޅޭނީ އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކަމަށްވާއިރު، މޮޑްރިޗް ވަނީ އެއީ އިންގްލޭންޑަށް ލިބޭ އެޑްވާންޓޭޖެއް ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ބަދަލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކްރޮއޭޝިއާ ޓީމުން ފޯކަސް ކުރާނީ ދަނޑު މަތީގައި ކުރަންޖެހޭ ކަންތައްތަކަށް ކަމަށްވެސް މޮޑްރިޗް ބުންޏެވެ.
އިންގްލޭންޑް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.