Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރަން މަސައްކަތްކުރަނީ

ޔޫކޭއަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ރާއްޖެއިން ޔޫކޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަހުގެ ބާވަތްތައް އެންމެގިނައިން އެތެރެކުރާ އެއްގައުމަކީ އިނގިރޭސިވިލާތަށް ވީއިރު, އެގައުމު ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް މިދިޔަ އަހަރު ނިންމި ނިންމުމާއެކު ރާއްޖެއިން އެގައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން އަންނަނީ 20 އިންސައްތައިގައި އިމްޕޯޓް ޑިއުޓީ ނަގަމުނެވެ.

ބޭރު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ފަރަހަނާޒް ވިދާޅުވީ, އެފަދަ ބޮޑު ޓެކްސެއް ނަގާތީ އެކަމަށް ލުޔެއް ހޯދުމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ.

2020 ވަނަ އަހަރު ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅިފައިވާއިރު, ކޮމަންވެލްތްގައި ހިމެނޭ ސްމޯލް އައިލެންޑް ޑިވަލޮޕްމެންޓް ސްޓޭޓް ތަކުގެ ތެރެއިން ޔޫކޭއިން ގައުމެއްގެ މުދަލުން އިމްޕޯޓް ޑިއުޓީ ނަގާ ހަމައެކަނި ގައުމަކީ ރާއްޖެކަން ފަރަހަނާޒް ފާހަގަކުރެއްވިއެވެ. އެފަދަ އެހެން ގައުމުތަކުގެ މަހުގެ ބާވަތްތައް ޔޫކޭއަށް އެތެރެކުރުމަގައި އިމްޕޯޓް ޑިއުޓިއެއް ދައްކަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރަނީ އެގައުމުތަކާއެކު ޔޫކޭއިން ހަދާފައިވާ އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓްގެ ދަށުންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޑރ. ފަރަހަނާޒް ވިދާޅުވެފައިވަނީ އެކަމުގައި ޔޫކޭ ސަރުކާރުގެ ކޮންމެ އިސްވެރިއަކާ ވާހަކަ ދެއްކިނަމަވެސް އެފަދަ ކަމެއް އެގޮތަށް ހިނގައިގެން ނުވާނެކަމަށް ބުނާކަމަށެވެ.

ރާއްޖެއިން އެދެނީ ވަކި ހާއްސަގޮތަކަށް ރާއްޖެއާ މެދު އަމަލުކުރުމަށް ނޫންކަން ފާހަގަކޮށް ޑރ. ފަރަހަނާޒް ވިދާޅުވެފައިވަނީ ރާއްޖެއިން އެދެނީ ކޮމަންވެލްތްގައި ހިމެނޭ އެހެން ސްމޯލް އައިލެންޑް ޑިވަލޮޕްމެންޓް ސްޓޭޓްތަކާ އެއްގޮތަށް ރާއްޖެއާމެދުވެސް އަމަލުކުރުމަށް ކަމަށެވެ. އަދި ސަސްޓައިނަބަލް ގޮތެއްގައި އެކި ބާވަތްތައް ފޯރުކޮށްދޭ ގައުމިތަކުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުމުގެ ބަދަލުގައި އެކަމަށް ސަޕޯޓްކޮށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

ޔޫކޭއަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ބާވަތްތަކުން ބޮޑު އިމްޕޯޓް ޑިއުޓިއެއް ނަގާތީ އެކަމުގެ ކަންބޮޑުވުން ޑރ. ފަރަހަނާޒް ފާޅުކުރެއްވިއިރު, ފަރަހަނާޒް ވަނީ 2019 ވަނަ އަހަރުވެސް އެކަމަށް ހައްލެއް ހޯދުމަށް ޔޫކޭ ފޮރިން އޮފީހާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.