ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާގެ މައްޗަށް 1-0 އިން އިންގްލޭންޑުން ކުރި ހޯދައިފިއެވެ.
މިއީ ޔޫރޯގެ ތާރީހުގައި ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. ގްރޫޕް ޑީ ގައި އިންގްލޭންޑް އާއި ކްރޮއޭޝިއާގެ އިތުރުން ދެން ހިމެނެނީ ޗެކް ރިޕަބްލިކާއި ސްކޮޓްލެންޑެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓްގައި އިންގްލޭންޑުން މޮޅަށް ކުޅުނުއިރު، މެޗުގެ ކުރީކޮޅު ފިލް ފޮޑެން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ. ނަމަވެސް އެ ހަމަލާއަށްފަހު ފުރަތަމަ ހާފްގައި އިންގްލޭންޑަށް މާބޮޑު ނުރައްކަލެއް ކްރޮއޭޝިއާގެ ގޯލަށް ކުރެވިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ކެލްވިން ފިލިޕްސް ދިން ޕާހަކުން މެޗުގެ 57 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. މިއީ ބޮޑު މުބާރާތެއްގައި ސްޓާލިން އިންގްލޭންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ކޭން އާއި ސްޓާލިން އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ. އެގޮތުން އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވެސް ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އަދި ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ކައިރިން މޭސަން މައުންޓް ފޮނުވާލި ހިލޭ ޖެހުމެއް ވެސް ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށް ވަނީ ގޮސްފައެވެ.
އެންމެފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕުން ކަމަށްވާ ކްރޮއޭޝިއާގެ ފަރާތުން މާ އެދެވޭ ކުޅުމެއް މިރޭގެ މެޗުގައި ފެނިގެން ގޮސްފައި ނުވާއިރު އެޓީމަށް އިންގްލޭންޑްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މުބާރާތުގައި އިންގްލޭންޑް ދެން ބައްދަލުކުރާނީ ސްކޮޓްލޭންޑާ އެވެ. އަދި ކްރޮއޭޝިއާ ނިކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ.