ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނޯތު މެސެޑޯނިއާގެ މައްޗަށް 3-1 އިން އޮސްޓްރިއާ އިން ކުރި ހޯދައިފިއެވެ.
މިއީ ޔޫރޯގެ ތާރީހުގައި ވެސް މުބާރާތުގައި އޮސްޓްރިއާ އިން ހޯދި ފުރަތަމަ މޮޅެވެ. ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އާއި އޮސްޓްރިއާގެ އިތުރުން ދެން ހިމެނެނީ ނެދަލޭންޑްސް އާއި ޔުކްރެއިން އެވެ.
ރުމޭނިއާގެ އެރީނާ ނެޝަނަލްގައި ކުޅުނު މިރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އޮސްޓްރިއާ އިންނެވެ. އެގޮތުން ސަބިޓްޒާ ހުރަސްކޮށްލި ރީތި ބޯޅައަކުން މި ގޯލު މެޗުގެ 18 ވަނަ މިނެޓްގައި އޮސްޓްރިއާ އަށް ކާމިޔާބުކޮށްދިނީ ސްޓެފަން ލައިނާ އެވެ.
ނަމަވެސް އޮސްޓްރިއާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 28 ވަނަ މިނެޓްގައި ގޯރަން ޕަންޑޭޒް ވަނީ ނޯތު މެސެޑޯނިއާ އަށް ޔޫރޯގެ ތާރީހުގައި ވެސް ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު އޮސްޓްރިއާ އިން ދިޔައީ ދެވަނަ ހާފުގައި ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ޑޭވިޑް އަލާބާ މެސެޑޯނިއާގެ ޕެނަލްޓީއޭރިއާ އަށް ހުރަސްކޮށްލި ރީތި ހުރަހަކުން މެޗުގެ 78 ވަނަ މިނެޓްގައި ގްރިގޯރިޓްޗް ވަނީ އޮސްޓްރިއާ އަށް އަލުން ލީޑު ނަގާދީފައެވެ. އަދި އޮސްޓްރިއާގެ ލީޑު މެޗުގެ 89 ވަނަ މިނެޓްގައި ފުޅާކޮށްދިނީ މާކޯ އަނޯޓޮވިޗް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނޯތު މެސެޑޯނިއާގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު އެވެ.
މުބާރާތުގައި އޮސްޓްރިއާ ދެން ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. އަދި ނޯތު މެސެޑޯނިއާ ބައްދަލުކުރާނީ ޔުކްރޭންއާއެވެ.