ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޔުކްރޭންގެ މައްޗަށް 3-2 އިން ނެދަލޭންޑްސް އިން ކުރި ހޯދައިފިއެވެ.
ގްރޫޕް ސީ ގައި ހިމެނޭ މި ދެ ޓީމު މިރޭ ކުޅުނު މެޗާއެކު އެ ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ އޮސްޓްރިއާ އެވެ. ދެވަނައިގައި އޮތް ނެދަލޭންސް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، އޮސްޓްރިއާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޔުކްރޭން އާއި ނޯތު މެސެޑޯނިއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ދެތިން ފުރުސަތެއް ނެދަލޭންޑްސް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ވައިނަލްޑަމް ފޮނުވާލި ދެ ހަމަލާއެއް ޔުކްރޭންގެ ކީޕަރު ދިފާއުކުރިއިރު، ޔުކްރޭންގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ޑެންޒެލް ޑަމްފްރީސް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 52 ވަނަ މިނެޓްގައި ވައިނަލްޑަމް ވަނީ ނެދަލޭންޑްސް އަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ހަ މިނެޓްފަހުން ވެގޯސްޓް ވަނީ ނެދަލޭންޑްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
މި ދެ ގޯލަށްފަހު ނެދަލޭންޑްސް އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، މެޗުގެ 75 ވަނަ މިނެޓްގައި ޔާމޮލެންކޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޔުކްރޭން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޔަރެމްޗުކް ވަނީ ޔުކްރޭނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ޔުކްރޭނުން ނަތީޖާ އެއްވަރުކުރުމާއެކު ނެދަލޭންޑްސް އިން ކުޅުން އަވަސްކޮށް ދިޔައީ ޔުކްރޭންގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓްގައި ބޮލުން ކުރިއަށް ފޮނުވާލި ހަމަލާއަކުން ޑަމްފްރީސް ވަނީ ނެދަލޭންޑްސް މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.
މުބާރާތުގައި ނެދަލޭންޑްސް ދެން ބައްދަލުކުރާނީ އޮސްޓްރިއާއާއެވެ. ޔުކްރޭން ނިކުންނާނީ ނޯތު މެސެޑޯނިޔާއާ ދެކޮޅަށެވެ.