ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޑެން އާއި ދެކޮޅަށް ކުޅޭ މެޗުގެ ތައްޔާރީތަކަށް ކޮވިޑް-19 ގެ ސަބަބުން ހިޔަނި އެޅިފައިވީ ނަމަވެސް އެއީ އުޒުރު ދައްކާނެ ކަމެއް ނޫން ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އައިސޮލޭޝަނުގައި ހުރިއިރު، މިދިޔަ ހަފްތާގައި ސްޕެއިންގެ ޓީމުގެ ކުޅުންތެރިން ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވަނީ ވެސް ވަކިވަކިންނެވެ. އަދި ޔޫރޯ އަށް ތައްޔާރުވުމަށް އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ސްޕެއިންގެ ސީނިއާ ޓީމުގެ ބަދަލުގައި ކުޅެފައިވަނީ ވެސް އެގައުމުގެ 21 އަހަރުން ދަށުގެ ޓީމެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިން އެކީގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭ ވަރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންރީކޭ ބުނީ މީގެ އަހަރެއްހާ ދުވަސްކުރިން ޓީމު ކުޅޭނެ ގޮތް ކުޅުންތެރިންނަށް ކިޔާދީފައިވާނެ ކަމަށާއި ނަމަވެސް ޓީމުގެ ކެޕްޓަން ނެތުމުން ކުޅުމަށް ކުދިކުދި ބަދަލުތަކެއް ގެންދަން ޖެހިފައިވާއިރު އެކަން ހުރިހާ ކުޅުންތެރިން ގުޅިގެން ކުރާނެ ކަމަށެވެ.
"އުނދަގޫ ހަފްތާއެއް މިދިޔައީ. އެކަމަކު ޝަކުވާއެއް ނެތް، އުޒުރު ދެއްކުމެއް ނެތް. ސްޕެއިންގައި އޮތީ ރަނގަޅު ސްކޮޑެއް. ފުރަތަމަ މެޗަށް މިތިބީ ވަރަށް ޝައުގުވެރިވެފައި" އެންރީކޭ ބުންޏެވެ.
ގްރޫޕް އީ ގައި ސްޕެއިން އާއި ސްވިޑެންގެ އިތުރުން ދެން ހިމެނެނީ ޕޮލެންޑާއި ސާބިޔާއެވެ.
ސްޕެއިން އާއި ސްވިޑެން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.