ކޮވިޑް-19 އިން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ހަމަޖައްސާދިނުމަށް އެދި ހުށަހެޅި ޤަރާރު މަޖިލީހަށް ބަލައިގެންފިއެވެ.
އެ ޤަރާރު މަޖިލީހުން ބަލައިގަނެފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. އަދި ޤަރާރު ދިރާސާ ކުރުމަށް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.
މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް އެވެ.
މުމްތާޒް ހުށަހަޅާފައިވާ ޤަރާރުގައި އެދިފައިވަނީ، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރެޓޯރިއަމް ހަމަޖައްސައިދިނުމަށާއި، މޮރެޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެޒިލީޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުން އެއީ ޝަރުތެއްކަމުގައި ކަނޑަނޭޅުމަށެވެ.
އަދު މޮރެޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރަސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެޒިސިލީޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރުނުވެ އެއްކޮށް މައާފުވާގޮތަށް ހަމަޖައްސައިދިނުމަށްވެސް ހުށަހަޅާފައިވެއެވެ.