ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގަމުން އަންނަގޮތުން ހަރަދު ބޮޑުވާ ކަމަށާއި، ދިގު މުއްދަތަކަށް ބަލާއިރު މި ނިޒާމަކީ ފައިދާހުރި ނިޒާމެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާނެކަމަށް ބުނެ ޤާނޫނުއަސާސީގައި ލިޔެފައިވާ ވާހަކަތަކަކީ ވަރަށް ސާފު ވާހަކައެއްކަމަށެވެ.
ޖާބިރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ހަރަދުބޮޑު ނިޒާމެއްކަމަށާއި، ލާމަރުކަޒި ނިޒާމުގެ ދަށުން ރާއްޖެ ހިންގުމަށް މިހާބޮޑު ހަރަދެއްކުރަން އެއްއިރަކުވެސް ތާއީދު ނޫންކަމަށް ވިދާޅުވިއެެވެ. ނިޒާމުގެ ދަށުން ރަށްރަށަށް ބަޔަކު ހޮވަނީ ޕާޓީތަކަށް ލޯޔަލް ބަޔަކު އެތަންތަނުގައި ބޭތިއްބުމަށްކަމަށް ދެކޭކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދިގު މުއްދަތަކަށް ބަލާއިރު މިއީ ފައިދާހުރި ނިޒާމެއްވެސް ނޫންކަމަށެވެ.
"ލާމަރުކަޒު ހަދާގައި މި ހުރިހާ މީހުނަށް ވަޒިފާދީގެން، ނުފޯރާ ފޮތިން ފޫގަޅައިގެން މިހާރުވެސް އިކޮނޮމީ މިއޮތީ." ޖާބިރު ވިދާޅުވިއެެވެ.
ޖާބިރު ވިދާޅުވީ ރާއްޖެ އަނެއްކާވެސް ލޮކްޑައުނެއް ކުރަންވެސް ޖެހުނީ ޕެންޑެމިކްގެ ހާލަތުގައި އިންތިހާބު ބޭއްވުމުން ކަމަށާއި، އެކަންކަމަށް އޭރުވެސް ދޮކޮޅު ހަދަމުން ދިޔަކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ޤާނޫނުއަސާސީގައިވެސް ރާއްޖެއަށް ނުކަތާވަރުގެ އެއްޗެއް ލިޔެވިފައިވާނަމަ އެކަންޖެހޭނީ ބަދަލުކުރަން ކަމަށާއި، ސިޔާސީ ގޮތުން ގޯސްހެދިފައިވާނަމަ އެކަންކަން އިސްލާހު ކުރަންޖެހޭކަމަށެވެ. އަދި ޤާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމު އޮތްގޮތް ބަދަލުކޮށް ހަރަދު ކުޑަ ގޮތަކަސް ރާއްޖެ ހިންގަން ޖެހޭކަމަށާއި، މިހާރު ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށްވެސް ތާއީދު ނުކުރާކަމަށް ޖާބިރު ވިދާޅުވިއެވެ.
ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ގިނަ މެމްބަރުން ތާއީދެއް ނުކުރެއެވެ. ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައިވަނީ ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭގޮތަށް ހެދުމަށެވެ.