ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލޭންޑުގެ މައްޗަށް 2-0 އިން ޗެކް ރިޕަބްލިކުން ކުރި ހޯދައިފިއެވެ.
ގްރޫޕް ޑީ ގައި ހިމެނޭ މި ދެ ޓީމު މިރޭ ކުޅުނު މެޗާއެކު އެ ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޗެކް ރިޕަބްލިކެވެ. ދެވަނައިގައި އޮތް އިންގްލޭންޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ޗެކް ރިޕަބްލިކަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ސްކޮޓްލޭންޑާއި ކްރޮއޭޝީއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ސްކޮޓްލޭންޑުގައި މިރޭ ކުޅުނު މި މެޗުގައި ގޯލްޖަހާނެ ފުރަތަމަ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ސްކޮޓްލޭންޑުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި ޗެކް ރިޕަބްލިކްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ފުދޭވަރަކަށް ހުހަށް ހުރެ އެޓީމުގެ ކެޕްޓަން އެންޑީ ރޮބަޓްސަން ފޮނުވާލި އެ ހަމަލާ ޗެކް ރިޕަބްލިކްގެ ކީޕަރު ވަސްލިކް ވަނީ ދިފާއުކޮށްފައެވެ.
އެ ފުރުސަތުގެ ބޭނުން ސްކޮޓްލޭންޑަށް ނުހިފުނުއިރު މެޗުގެ 42 ވަނަ މިނެޓްގައި ޗެކުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ސްކޮޓްލޭންޑުގެ ޕެނަލްޓީއޭރިއާ ތެރެއަށް ކޫފާލް ހުރަސްކޮށްލި ބޯޅަ ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލު ޗެކަށް ކާމިޔާބުކޮށްދިނީީ ޕެޓްރިކް ޝިކް އެވެ.
ޗެކް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ސްކޮޓްލޭންޑުގެ ހެންޑްރީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ޗެކްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ. ދެވަނަ ހާފްގެ ކުރީކޮޅު ސްކޮޓްލޭންޑުން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 52 ވަނަ މިނެޓްގައި ޝިކް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ޗެކްގެ ލީޑު ފުޅާކޮށްދީފައެވެ. އެގޮތުން ޝިކް މި ގޯލު ކާމިޔާބުކުރީ 50 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.
ޗެކުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ސްކޮޓްލޭންޑުން ހިތްވަރު ދޫނުކޮށް ދިޔައީ ޗެކްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ސްކޮޓްލޭންޑުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެކްގެ ގޯލްކީޕަރު ވަސްލިކް އެވެ.
މިފަހަރުގެ ޔޫރޯ އަކީ 1998 ވަނަ އަހަރަށްފަހު ސްކޮޓްލޭންޑުން ކުޅޭ ފުރަތަމަ ބޮޑު މުބާރާތްކަން ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ސްކޮޓްލޭންޑް ނިކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ. އަދި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ކްރޮއޭޝިއާއާއެވެ.