Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ސްލޮވާކިއާ އިން ޕޮލެންޑް ބަލިކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޮލެންޑުގެ މައްޗަށް 2-1 އިން ސްލޮވާކިއާ އިިން ކުރި ހޯދައިފިއެވެ.

ގްރޫޕް އީ ގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ސްލޮވާކިއާ އިން ރަނގަޅަށް ކުޅުނުއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން މި ގޯލަކީ މެޗުގެ 18 ވަނަ މިނެޓްގައި ޕޮލެންޑުގެ ގޯލްކީޕަރު ޝެޒްނީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް ގޯލްކީޕަރެއްގެ އަތުން ބައިކޮޅަށް ގޯލެއް ވަތް ފުރަތަމަ ފަހަރެވެ.

ސްލޮވާކިއާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ކެރޮލް ލިނެޓީ ވަނީ ޕޮލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 62 ވަނަ މިނެޓްގައި ރެފްރީ ވަނީ ޕޮލެންޑުގެ ކްރިކޯވިއަކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ރަތް ކާޑެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ޕޮލެންޑުން ފުރިހަމަ ކުރަން ޖެހުނުއިރު، މެޗުގެ 69 ވަނަ މިނެޓްގައި ސްލޮވާކިއާ އިން ވަނީ ލީޑު އަލުން ނަގާފައެވެ. އެގޮތުން ޕޮލެންޑުގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ސްލޮވާކިއާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މިލާން ސްކްރިނިއާރް އެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޕޮލެންޑުން ފަހު ވަގުތުކޮޅުތެރޭ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ބެޑްނަރެކް ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު، ލެވެންޑޯސްކީ ދިން ޕާހަކުން ސްވިޑާސްކީ ފޮނުވާލި ހަމަލާ ދިފާއުކުރީ ސްލޮވާކިއާގެ ކީޕަރު ޑުބްރަވްކާ އެވެ.

މުބާރާތުގައި ޕޮލެންޑް ދެން ބައްދަލުކުރާނީ ސްޕެއިން އާއެވެ. ސްލޮވާކިއާ ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.