Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ސްވިޑެން އިން ސްޕެއިން ހިފަހައްޓައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިން އާއި ސްވިޑެން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ގްރޫޕް އީ ގައި ހިމެނޭ މި ދެ ޓީމު ކުޅުނު މެޗު އެއްވަރުވިއިރު މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސްލޮވާކިއާއެވެ. ސްޕެއިން އާއި ސްވިޑެން އަށް އެއް ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ޕޮލެންޑެވެ.

ސްޕެއިންގެ ސެވިއްޔާގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ސްޕެއިން އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ފޯވާޑް އޮލްމޯ ބޮލުން ފޮނުވާލި ހަމަލާއެއް ސްވިޑެންގެ ކީޕަރު އޮލްސަން ދިފާއުކުރިއިރު ކޮކޭ ފޮނުވާލި ހަމަލާއަކާއި މޮރާޓާ ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި ހާފުގައި ސްވިޑެން އަށް ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ޒުވާން ފޯވާޑް އިސާކް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ދެން އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އަދި މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ވެސް ސްވިޑެން އަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ސްވިޑެންގެ ބާގް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މި ހާފުގައި އެޓީމަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފްގައި ކުޅެން އެރި ފޯވާޑް ޖެރާޑް މޮރޭނޯ އަށެވެ. ނަމަވެސް މޮރޭނޯ ބޮލުން ފޮނުވާލި އެ ހަމަލާ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްވިޑެންގެ ކީޕަރު އޮލްސަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިރޭގެ މެޗު އެއްވަރުވެގެން ނިމުނުއިރު މިއީ މިފަހަރުގެ މުބާރާތުގައި ގޯލެއް ނުފެނި ނިމުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި ސްޕެއިން ދެން ބައްދަލުކުރާނީ ޕޮލެންޑާއެވެ. ސްވިޑެން ނިކުންނާނީ ސްލޮވާކިޔާއާ ދެކޮޅަށެވެ.