Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ރޮނާލްޑޯގެ ހުރިހާ ވިސްނުމެއް ޔޫރޯ ކާމިޔާބުކުރުމަށް

ކުރިމަގާ މެދު ނުވިސްނާ ކަމަށާއި ހުރިހާ ވިސްނުމެއް ވެސް މިވަގުތު ހުރީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރޮނާލްޑޯ އޭނާ ކުޅެމުން އަންނަ ކްލަބު ކަމަށްވާ ޔުވެންޓަސް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު އޭނާ ގެންނަން ފްރާންސްގެ ޕީއެސްޖީ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެމުން އަންނަތާ މިހާރު 18 އަހަރު ވެފައިވާ ކަމަށާއި ކުރިމަގާއި މެދު ވިސްނުން މިހާރު އެހާ މުހިއްމު ނޫން ކަމަށެވެ.

"އަހަރެންގެ އުމުރަކީ 18 ނޫނީ 19 އަހަރުނަމަ ކުރިމަގާއި މެދު ވިސްނަމުން ގޮސް ނުވެސް ނިދޭނެ. މިހާރު އަހަރެންގެ އުމުރަކީ 36. މިހާރު މުހިއްމެއް ނޫން އެކަމާ ވިސްނުން. ހުރިހާ ކަމެއް ވެސް ނިމޭނީ އެންމެ ބަރާބަރަށް" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާގެ ހުރިހާ ވެސް ވިސްނުމެއް މިވަގުތު ހުރީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށާއި އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ފަހު މެޗާއި ހަމައަށް ޕޮޒިޓިވް ވިސްނުމެއްގައި ހުންނަން ބޭނުންވާ ކަމަށެވެ.

އަދި މޮޅަކުން މުބާރާތް ފެށުމަކީ އަބަދުވެސް މުހިއްމު ކަމެއް ކަމަށްވާއިރު، ރޮނާލްޑޯ ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެގެން ވިޔަސް ޔޫރޯ ކާމިޔާބު ކުރެވޭނަމަ އެގޮތް ވެސް އެންމެ ރަނގަޅު ކަމަށްވެސް ބުނެފައެވެ.

"ފިޒިކަލީ ގޮތުން ވެސް އިމޯޝަނަލީ ގޮތުން ވެސް އަހަރުމެން މިތިބީ ތައްޔާރަށް. ޒުވާން ޓީމެއް މިހާރު މިއޮތީ. ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް" އެންމެފަހުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޕޯޗުގަލްގެ ޓީމުގެ ޑިފެންޑަރު ކަންސެލޯ އަށް ނުކުޅެވޭނެއެވެ.

ހަންގޭރީ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.